04 މެއި 2018 - 22:22

އަންކަރާ (މެއި 4) - އަންނަ މަހު ތުރުކީގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ދެކޮޅަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިން ނެރޭނެ ކެންޑިޑޭޓް އިއުލާންކޮށްފި އެވެ.

މުހައްރަމް އިންސް އަކީ އުރުދުޣާން އަށް ވަރަށް ބޮޑަށް ފާޑު ކިޔާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ 2002 ވަނަ އަހަރުން ފެށިގެން ޕާލަމެންޓް މެންބަރުކަން ކުރައްވަމުންނެވެ.
ސީއެޗްޕީން ވަނީ އުރުދުޣާން ބަލިކޮށްލުމުގެ ބޭނުމުގައި ކަނާތު ފިޔައިގެ ޕާޓީތަކާ ކޯލިޝަން ހަދަން ނިންމައިފަ އެވެ. އިންސް އެއްފަހަރެއްގައި ވިދާޅުވެފައި ވަނީ އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ، އުރުދުޣާން ބިނާކުރެއްވި އަގު ބޮޑު ގަނޑުވަރު ވިއްކާލާނެ ކަމަށެވެ.
ޕާލަމެންޓުގެ އަޣުުލަބިއްޔަތު އޮންނަނީ އުރުދުޣާންގެ އޭކޭ ޕާޓީއަށެވެ.
ތުރުކީގެ އިންތިޚާބު ބޭއްވުމަށް އުރުދުޣާން ނިންމެވީ އޭނާގެ ބާރުތައް ވަރުގަދަ ކުރުމަށެވެ. ޖޫން 24 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ އެކު އާއްމު އިންތިޚާބު ވެސް ބާއްވާނެ އެވެ.
ތުރުކީގައި އިންތިޚާބު މި ބާއްވަނީ ޝެޑިއުލަށް ވުރެ އެއް އަހަރު ކުރިންނެވެ. ތުރުކީގެ ރިޔާސީ އަދި އާއްމު އިންތިޚާބު ބޭއްވުމަށް ކުރިން ހަމަޖައްސާފައި ވަނީ ނޮވެމްބަރު 2019 ގަ އެވެ.
ތުރުކީން މަސައްކަތް ކުރަމުން ދަނީ ޕާލަމެންޓްރީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލު ކުރުމަށެވެ. މި ބަދަލު ގެނައުމަށް ތުރުކީގައި މިދިޔަ އަހަރުގެ އެޕްރީލް މަހު ވަނީ ޚިޔާލު ހޯދުމުގެ ވޯޓެއް ވެސް ނަގައިފަ އެވެ. ރިޔާސީ ނިޒާމަކަށް ވަނީ އެ ވޯޓުގެ ހަނި އަޣުލަބިއްޔަތަކުން ފާސްވެފަ އެވެ. ބޭނުމަކީ ރައީސް އުރުދުޣާންގެ ބާރުތައް ވަރުގަދަ ކުރުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ކުރިއަށް އޮތް އިންތިޚާބަށް ފަހު ތުރުކީގެ ވެރިކަމުގެ ނިޒާމަށް ބަދަލުތައް ގެންނާނެ އެވެ.
އުރުދުޣާން ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ވީހާ ވެސް އަވަހަށް ބަދަލުތައް ގެންނަން ބޭނުންވާ ކަމަށެވެ. އެއީ ތުރުކީ އަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރަން ކަމަށް ވިދާޅުވި އެވެ. އާ ބަދަލާ އެކު ނައިބް ރައީސް އާއި ވަޒީރުންނާއި ސަރުކާރުގެ ސީނިއާ އޮފިޝަލުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ރައީސް އަށް ލިބިގެން ދާނެ އެވެ. އަދި ޕާލަމެންޓް އުވާލުމާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ވެސް ރައީސް އަށް ލިބޭނެ އެވެ.