އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މެލޭޝިއާ އިން އެޕާޓްމަންޓު ގަންނަން އުޅުނު: ލުތުފީ
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މެލޭޝިއާ އިން އެޕާޓްމަންޓު ގަންނަން އުޅުނު: ލުތުފީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު މެލޭޝިއާ އިން އެޕާޓްމަންޓުތަކެއް ބައްލަވައިގަންނަވަން އުޅުއްވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މެލޭޝިއާ އިން އެޕާޓްމަންޓު ގަންނަން އުޅުނު: ލުތުފީ
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މެލޭޝިއާ އިން އެޕާޓްމަންޓު ގަންނަން އުޅުނު: ލުތުފީ

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށް ހަސަން ލަތީފު ދެއްވި ބަޔާނުގައި ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު މެލޭޝިއާ އަށް ވަޑައިގަތުމުން، އެ ގައުމުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު އުޅުއްވާ ކަން ލެމަންގްރާސްގެ ވެރި ފަރާތް، އިބްރާހިމް އާތިފްގެ ފަރާތުން އެނގިވަޑައިގެންނެވި ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މެލޭޝިއާ އިން އެޕާޓްމަންޓު ގަންނަން އުޅުނު: ލުތުފީ
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މެލޭޝިއާ އިން އެޕާޓްމަންޓު ގަންނަން އުޅުނު: ލުތުފީ

ހަސަން ލުތުފީގެ އިތުރުން، ހަމަ މި މައްސަލައިގެ ތަހުގީގަށް އެހެން ބައެއް މީހުން ދީފައިވާ ބަޔާންތައް ވެސް ވަނީ، މިދިޔަ ބުދަ ދުވަހު ސޯޝަލް މީޑިއާގައި ލީކްކޮށްލައިފަ އެވެ. ފުލުހުން އިއްޔެ ބުނީ ލީކް ކޮށްލާފައިވަނީ ތަހުގީގަށް ދީފައި ހުރި ސައްހަ ބަޔާންތަކެއް ކަމަށާއި އެ ބަޔާންތައް ލީކް ކޮށްލި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މެލޭޝިއާ އިން އެޕާޓްމަންޓު ގަންނަން އުޅުނު: ލުތުފީ
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މެލޭޝިއާ އިން އެޕާޓްމަންޓު ގަންނަން އުޅުނު: ލުތުފީ

އެ ބަޔާނުގައި ލުތުފީ ވިދާޅުވި ގޮތުގައި އޭނާ މެލޭޝިއާ އަށް ވަޑައިގަތީ އޭނާގެ ދެ ކުދިން ކިޔަވާ ޔުނިވާސިޓީއާ ކައިރި ތަނަކަށް ބަދަލުވުމަށް، ތަނެއް ހޯދުމަށެވެ. މެލޭޝިއާގައި ކުދިން ތައުލީމު ހާސިލްކުރާތާ އަހަރެއްހާ ދުވަސްވި އިރު، އާއިލާގެ މެމްބަރުން ދިރިއުޅެނީ އެ ގައުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މެލޭޝިއާ އަށް ވަޑައިގެންނެވިކަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަން ސައީދަށް އެނގިވަޑައިގަތުމުން، އެ ބޭފުޅުން އޭނާ އަށް ގުޅުއްވައި ވާހަކަ ދެއްކެވި ކަމަށާއި އުއްތަމަ ފަނޑިޔާރު ފިޔަވައި، ދެން ތިއްބެވި ބޭފުޅުންނާ ބައްދަލުވި އިރު، އުއްތަމަ ފަނޑިޔާރު ވަޑައިގަތީ ސްރީލަންކާ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ލުތުފީގެ ބަޔާނުގައި ވަނީ ރާއްޖެ އިން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ފަހުމީ ހަސަންގެ ދައުވަތަކަށް ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވާން އަލީ ހަމީދު ދައުވަތު ދެއްވި ކަމަށް ވިދާޅުވެފަ އެވެ. އެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އަލީ ހަމީދާ ހަވާލާ ދެއްވައި، ލުތުފީ ވިދާޅުވި އެވެ.

"ޑިނާ އަށް ދިޔަ މަގުމަތީގައި ސައިބަޖާޔާ އިން އާތިފް ގަންނަ އުޅޭ އެޕާޓްމަންޓް ބަލާލަން މަޑުކޮށްފައި ދާން އާތިފް ބުންޏެވެ. އާތިފް މެލޭޝިއާ އިން އެޕާޓްމަންޓެއް ގަންނަން އުޅޭކަން އަޅުގަނޑަށް މާ ކުރިން ވެސް އެނގެ އެވެ. އެއީ އާތިފް ކޭއެލްގެ ތެރެއިން ގަނެފައި ހުރި ތަންތަން ވިއްކާލާފައި މެލޭޝިއާ އިން ތަންކޮޅެއް ހިތްގައިމު މާހައުލަކުން ތަނެއް ގަންނަން އުޅޭ ވާހަކަ އަޅުގަނޑު ގާތުގައި ބުނެފައިވާތީ އެވެ،" ފުލުހުންގެ ތަހުގީގަށް ދިން ހަ ސޮފްހާގެ ބަޔާނުގައި ލުތުފީ ވިދާޅުވި އެވެ.

"އޭގެ ކުރިން ވެސް އާތިފާއެކު އެޕާޓްމަންޓްތައް ބަލަން އަޅުގަނޑު ދިޔައީމެވެ. އެ ފަހަރު އެޕާޓްމަންޓް ބަލަން ގޮސްފައި ސެޓިއާ އެކޯ ގްލޭޑްގެ އައިގެ އެކެއް ނަގަނީ އާތިފް ކަމަށާއި އައި ދޭއް ނަގަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށާއި އައި ތިނެއް ނަގާނީ ފަނޑިޔާރު އަލީ ހަމީދު ކަމަށް ބުނެފައިވެ އެވެ،"

ލުތުފީ ވިދާޅުވީ އެޕާޓްމަންޓެއް ގަތުމަށް އާތިފް ހުށަހެޅުމުން ޖަވާބުގައި އޭނާއަކީ ފައިސާ ހުރި މީހެއް ނޫން ކަމަށާއި އެ ތަންތަނުގެ އަގު އުޅޭނީ މިލިއަން ޑޮލަރުން ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އާތިފް އެޕާޓްމަންޓަށް ފައިސާ ދެއްކުމަށާއި ފަހުން ރުފިޔާ ދައްކާ ހަލާސް ކުރާނެ ކަމަށް އާތިފް ކައިރީ ވިދާޅުވި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ. "އަޅުގަނޑު އެހެން ބުނުމުން އާތިފް އަތުގައި އެ ވަރަށް ފައިސާ ނެތް ކަމަށް ބުންޏެވެ."

ލުތުފީ ވިދާޅުވީ ޖެނުއަރީ 5 ގައި އަލީ ހަމީދާއެކު، އެޕާޓްމަންޓްތައް ބައްލަވައި، އެޕާޓްމަންޓުތަކުގެ ފޮޓޯ ވެސް ނަންގަވާފައިވާނެ ކަމަށާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އެޕާޓްމަންޓެއް ބައްލަވައިގަންނަވަން އުޅުއްވާ ކަމަށް ހަސަން ސައީދުގެ ފަރާތުން އެނގިވަޑައިގެންނެވި ކަމަށެވެ. އަދި އެ ބޭފުޅުން "ކަންތައްގަނޑެއް" މެލޭޝިއާގައި ހިންގަމުންދާ ކަން ވިސްނިވަޑައިގެންނެވި ކަމަށް ލުތުފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޕާޓްމަންޓަށް ފައިސާ ދައްކަނީ ކާކުތޯ އެކި ފަހަރު މަތިން ހަސަން ސައީދާ ސުވާލު ކުރުމުން ވެސް އެ އަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ. އެކަމަކު، ރައްޓެއްސެއްގެ ފަރާތުން އެނގުނު ގޮތުގައި އެ ފައިސާ ދައްކަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިންކަން އެނގިވަޑައިގެންނެވި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ. ގާސިމް ފައިސާ ދައްކަނީތޯ ހަސަން ސައީދު ކައިރިން އެއްސެވުމުން އެކަމަށް ވެސް އޭނާ ޖަވާބު ނުދެއްވާ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

"އެކަން ކޮންފާމް ކުރަންވެގެން އާތިފަށް ގުޅާލާފައި އެބޭފުޅުން އެޕާޓްމަންޓަށް ފައިސާ ދެއްކީހޭ އެހުމުން އެޑްވާންސް ބުކިން އަށް މިހާރު ފައިސާ ދައްކައިފިހެން ހީވާ ކަމަށް ބުންޏެވެ. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެ ފައިސާ ފޮނުވީ އިސްލާމިކް ބޭންކުންނެވެ. އެ ގޮތަށް ގަބޫލު ކުރެވެނީ އަޅުގަނޑު އިންނަ މަޖިލިސްތަކުގައި ހަސަން ސައީދު ހުސައިން ފޯނުން ގުޅައި ދައްކާފައި ހުރި ބައެއް ވާހަކަތައް އަޅުގަނޑަށް އަޑުއިވިފައި ހުރުމުންނެވެ،" ލުތުފީ ދެއްވި ބަޔާނުގައިވެ އެވެ.

ލުތުފީ ވިދާޅުވީ ފެބްރުއަރީ 1 ގެ އަމުރު ނެރުމުގެ ތިން ރެއެއް ކުރިން އޭނާ ދިރިއުޅޭ ގެ ކައިރީގައި ހުއްޓާ ދެކެވުނު ވާހަކައިގައި ހަސަން ސައީދު މެލޭޝިއާ އިން ނެގި އެޕާޓްމަންޓު ދޫކޮށްލާފައި އާ ތަނެއް ގަންނަނީ ކަމަށް ބުނެފައިވެ އެވެ. އަދި ހަސަން ސައީދުގެ އަނބިކަނބަލުން އެކަން ހަމަޖައްސުމަށް މެލޭޝިއާ އަށް ވަޑައިގެންނެވި ކަން އޭނާގެ ފަރާތުން އެނގިވަޑައިގެންނެވި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

"ހަސަން ސައީދު އެހެން ބުނުމުން، އެޕާޓްމަންޓަށް ފައިސާ ދެއްކީތޯ ސުވާލު ކުރުމުން ފައިސާގެ ބައެއް ދައްކައިފި ކަމަށާއި އެކަމަކު ބޭންކްގެ ތެރެއިން ކޮންމެވެސް ތާއްޓެއް އުޅެގެން އެއްކޮށް ނުދެއްކިގެން އުޅެނީ ކަމަށް ހަސަން ސައީދު އަޅުގަނޑު ގާތުގައި ބުންޏެވެ. މެލޭޝިއާ އިން އެ ބޭފުން ގަންނަން އުޅުއްވި އެޕާޓްމަންޓުތަކަކީ ވަކިވަކިން ހުރި ގެތަކެކެވެ، އެއީ ހަތަރު ފްލޯ އަށް ހުރި މަތީގައި ސްވިމިން ޕޫލް ހުންނަ ގޮތަށް ހަދާފައި ހުރި ގެތަކެކެވެ،" ލުތުފީ ދެއްވި ބަޔާނުގައިވެ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރު ތަންފީޒު ނުކޮށް، ރައީސް ޔާމީން ވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ހަސަން ސައީދާއި ސިޔާސީ ބައެއް ބޭފުޅުން ހައްޔަރުކޮށްފަ އެވެ.

ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ މައްސަލަތަކުގައި އެބޭފުޅުންނާ ދެކޮޅަށް ދައުލަތުން ކުރާ ގިނަ ދައުވާތަކެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުން ބުނެފައި ވަނީ ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި އަލީ ހަމީދަށް ދީފައިވާކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާއެއް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް ދެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.