އިންޑިއާ އަށް އިތުރު ތޫފާންތައް އަރާނެކަމުގެ އިންޒާރު ދީފި
އިންޑިއާ އަށް އިތުރު ތޫފާންތައް އަރާނެކަމުގެ އިންޒާރު ދީފި

ނިއު ދިއްލީ (މެއި 4) - އިންޑިއާގެ އުތުރުގެ ހިސާބުތަކަށް ކުރިމަތިވި ހިރަފުހުގެ ތޫފާނެއްގައި 125 މީހުން މަރުފައިވާ އިރު އަދިވެސް އިތުރު ތޫފާންތައް އަރާނެ ކަމުގެ އިންޒާރު އޮފިޝަލުން ދީފި އެވެ.

ގަދަ ވަޔާއި ހޮނުއެޅުމުގެ ސަބަބުން ވަރަށް ގިނަ އަވަށްތައް ވަނީ ހަލާކުވެފަ އެވެ. އިމާރާތްތަކާއި ގަސްތައް ވެއްޓުމުގެ ސަބަބުން ވަނީ އެތައް ބަޔަކު ޒަޚަމްވެފަ އެވެ.

އުއްތަރަ ޕްރަދޭޝްގެ ރިލީފް ކޮމިޝަނާގެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ މިއީ ހިރަފުހުގެ ތޫފާނެއްގައި ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭ އިންޑިއާ އިން އެންމެ ގިނަ މީހުން މަރުވި ފަހަރު ކަމަށެވެ. މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް އޮފިޝަލުން ލަފާކޮށްފައިވެ އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ލަފާކޮށްފައި ވަނީ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ އިތުރު ތޫފާންތައް އަރާނެ ކަމަށެވެ.

"ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވެ ތިބެން ޖެހޭނެ،" ރިލީފް ކޮމިޝަނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ތޫފާނުގައި އެންމެ ބޮޑު ގެއްލުމެއް ލިބެމުންދަނީ އުއްތަރަ ޕްރަދޭޝް އާއި ރާޖަސްތާނަށެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި ތާޖް މަހަލް ހުންނަ އުއްތަރަ ޕްރަދޭޝްގެ އާގްރާ ހިމެނެ އެވެ.

އުއްތަރަ ޕްރަދޭޝްގެ ސަރަހައްދީ ސަރުކާރުން ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް 400،000 ރުޕީސް (6،000 ޑޮލަރު) ދިނުމަށް ނިންމައިފަ އެވެ.