05 މެއި 2018 - 06:01

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ކަރްގިލް ހަނގުރާމައިގެ ހީރޯއެއްގެ ގޮތުގައި މަޝްހޫރުވި އިންޑިއާ ސިފައިންގެ މީހެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ޝައްބީރް ބޮކްސްވާލާ ޕްރޮޑިއުސްކުރާ ފިލްމްގެ ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާއާ ކަރަން ޖޯހަރް ހަވާލުވެއްޖެ އެވެ.
ސިދާތު މަލްއުތުރާ ލީޑް ރޯލް ކުޅޭ ފިލްމަށް ދީފައިވާ ނަމަކީ "ޓައިމް ޓް ރީލިވް: ޔެ ދިލް މާގޭ މޯ" އެވެ. މި ފިލްމްގެ ސްކްރީންޕްލޭ ސަންދީޕް ޝްރިވަސްތަވާ ލިޔާ އިރު، ޑައިރެކްޓަރަކީ ވިޝްނޫ ވަރްދާން އެވެ.
ސިދާތުގެ މި ފިލްމް ކަރަން ކޯ-ޕްރޮޑިއުސް ކުރަން ނިންމި އެއް ސަބަބަކީ ސިދާތަކީ އޭނާ ބޮލީވުޑަށް ތައާރަފްކުރި އެކްޓަރަކަށްވުމާ އެކު، ވަރުގަދަ ރޯލެއް ކުޅެން ފުރުސަތު ލިބުމުންނެވެ. އަނެއްކޮޅުން މީގެ ކުރިން ވެސް ކަރަންއަކީ ބައެއް އެހެން ޕްރޮޑަކްޝަން ހައުސްތަކާ ގުޅިގެން ފިލްމްތައް ގެނެސް ދީފައިވާ މީހެކެވެ.
ކަރަން އާއި ޖަންގްލީ ޕިކްޗާޒް ގުޅިގެން ގެނެސްދޭ ފިލްމް "ރާޒީ" މި މަހުގެ 11 ގައި ސިނަމާތަކަށް އަންނާނެ އެވެ.
ޝައްބީރްއަކީ ގުޕްތު (1997)، ދިލް ކާ ރިޝްތާ (2003) އަދި މިޝަން އިސްތާންބޫލް (2008) ފަދަ ފިލްމްތައް ގެނެސް ދީފައިވާ ޕްރޮޑިއުސަރެކެވެ.
"ޓައިމް ޓް ރީލިވް: ޔެ ދިލް މާގޭ މޯ" ގެ އިތުރު ކާސްޓުންނާއި މި ފިލްމްގެ ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މިއީ އަންނަ އަހަރު ސިނަމާ އަށް އަންނާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
ސިދާތު އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި "އައްޔާރީ" އިންނެވެ. އެކަމަކު އެ ފިލްމަކީ ބެލުންތެރުންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ.