ޗެލްސީއާ ސާރީ ހަވާލުވާނެ ކަމުގެ އަޑުތައް ގަދަވަނީ
ޗެލްސީއާ ސާރީ ހަވާލުވާނެ ކަމުގެ އަޑުތައް ގަދަވަނީ

ނޭޕްލްސް (އޭޕްރިލް 4) – ނަޕޯލީގެ އިޓަލީ ކޯޗު މައުރީޒިއޯ ސާރީ އަންނަ ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެލްސީން ފެނުނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މި ސީޒަނަށް ފަހު ކްލަބާ ދުރުވާނެ ކަމަށް ބެލެވޭއިރު ޗެލްސީން ބޭނުންވަނީ ސާރީ ކަމަށްވެ އެވެ. އެގޮތުން ނަޕޯލީއާ އެކު ސާރީ ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ދައްކަން ޖެހޭ ހަތް މިލިއަން ޕައުންޑް ދައްކަން ވެސް ޗެލްސީ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިޓަލީގެ ނޫހަކުން ބުނާ ގޮތުގައި އުމުރުން 59 އަހަރުގެ ސާރީ ވަނީ އޭނާގެ ބައެއް އެހީތެރިންނަށް އިނގިރޭސި ބަސް ދަސްކުރަން ވެސް އަންގައިފަ އެވެ. ޗެލްސީއާ އެކު ސާރީގެ އޭޖެންޓް މަޝްވަރާތައް ބާއްވާފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވާއިރު މީގެ ތިން މަސް ކުރިން އޭނާ ޗެލްސީ އަށް ދާން އެއްބަސްވެފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

ސާރީގެ ކޯޗުކަމުގެ ދަށުން ނަޕޯލީން އަށް މި ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އަދި އެބައޮތެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު ޔުވެންޓަސް އެއް ވަނައިގައި އޮތީ 88 ޕޮއިންޓާ އެކު އެވެ. ނަޕޯލީ ދެ ވަނައިގައި އޮތީ 84 ޕޮއިންޓާ އެކު އެވެ.

ސާރީ އަކީ، ފަހުގެ ތާރީހުގައި ފުޓްބޯޅައަށް އެންމެ ބޮޑު ބަދަލެއް ގެނައި ކޯޗު އިޓަލީގެ އަރީގޯ ސާޗީ ފަދަ ކޯޗެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެ އެވެ. އުމުރުން 59 އަހަރުގެ ސާރީ ކުޅުވާ ޕާސް ގިނަ، ހަލުވި، އެޓޭކިން ފުޓްބޯޅައަށް ގިނަ ބަޔެއްގެ ޝައުގުވެރިކަން ވަނީ ލިބިފަ އެވެ.

ފުޓްބޯޅަ ކޯޗިންގެ ތެރެއަށް 1990 ވަނަ އަހަރު ވަން ސާރީ އެންމެ ފުރަތަމަ އެ މަސައްކަތްކުރީ ބޭންކެއްގައި ވަޒީފާއަދާކުރަމުން ހުސް ގަޑީގަ އެވެ. އޭނާ ފުލްޓައިމްކޮށް ކޯޗިން އަށް ވަނީ 1999 ވަނަ އަހަރެވެ. އޭނާ ފާހަގަވާން ފެށީ 2012 އިން 2015 އަށް އެމްޕޮލީ އަށް ކޯޗުކޮށްދިން ދުވަސްވަރެވެ.

ސާރީގެ ހައި ޕްރެސިން، އެޓޭކިން ކޯޗިން ސްޓައިލަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ތައުރީފްކޮށްފަ އެވެ.

"ހައި ޕްރެސިން ފުޓްބޯޅަ އަހަންނަށް ވަރަށް ކަމުދޭ. ނަޕޯލީ ކުޅެނީ އަހަރެން ވަރަށް ތާއީދުކުރާ ފުޓްބޯޅައެއް،" ގާޑިއޯލާ ބުނެފައިވެ އެވެ.

ސާރީގެ އިތުރުން ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ އަކީ ވެސް ޗެލްސީން ފެނިދާނެ ކަމަށް ބެލެވޭ ކޯޗެކެވެ. އަނެއްކޮޅުން ސާރީ ގޮސްފި ނަމަ ނަޕޯލީއާ ހަވާލުވާނެ ކަމަށް ބެލެވޭ ކޯޗުންނަކީ ސަމްޕްޑޯރިއާގެ މާކޯ ޖިއަމްޕައޮލޯ އާއި ޕީއެސްޖީގެ އުނާއީ އެމެރީ އެވެ.