ޕީޕީއެމްގެ އިސް ބޭފުޅުންގެ ވަފުދެއް ޗައިނާ އަށް
ޕީޕީއެމްގެ އިސް ބޭފުޅުންގެ ވަފުދެއް ޗައިނާ އަށް

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް، ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އިސް ބޭފުޅުންގެ ވަފުދެއް މިރޭ ޗައިނާ އަށް ފުރައިފި އެވެ.

ޕީޕީއެމްގެ އިސް ބޭފުޅުންގެ ވަފުދެއް ޗައިނާ އަށް
ޕީޕީއެމްގެ އިސް ބޭފުޅުންގެ ވަފުދެއް ޗައިނާ އަށް

ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިސްކޮށް ހުންނެވި އެ ވަފުދުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އެ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް 18 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވަ އެވެ.

ޕީޕީއެމުން މިއީ ކޮންމެ އަހަރަކު ވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ޕީޕީއެމަށް ދޭ ދައުވަތެއް ކަމަށެވެ. މި ފަހަރުގެ ޒިޔާރަތުގައި، ދެ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ބައެއް ތަޖުރިބާތައް ހިއްސާކޮށް އަދި އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ޕީޕީއެމުން ބުންޏެވެ. މީގެ އިތުރުން، ޓޫރިޒަމާއި ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާ އިން ޗައިނާގެ އެހީތެރިކަން ރާއްޖެ އަށް ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުންނާއި ދެ ގައުމުގެ ތަޖުރިބާ އެ ދާއިރާތަކުން ހިއްސާ ކުރާނެ ކަމަށް ޕީޕީއެމުން ބުނެ އެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ބޮޑަށް ރަނގަޅު ވެފައިވާއިރު، އެ ގައުމުގެ އެހީގައި ތަރައްގީގެ ބައެއް ކަންކަން ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. ރައީސް ޔާމީން ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިވާއިރު އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް ވެސް ރާއްޖެ ވަޑައިގެންފައި ވެ އެވެ.

މިސަރުކާރުގެ އިގުތިސާދީ އެޖެންޑާ އިން ޗައިނާގެ އިންވެސްޓްމަންޓުތަކަށް ވަނީ ގިނަ ފުރުސަތުތަކެއް ދީފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަކީ، ހުޅުލެ އާއި މާލެއާ ދޭތެރޭ އަޅަމުންދާ ބްރިޖެވެ.