03 މެއި 2018 - 20:59

"އޭޝިއާ ޓެކްސް ކޮމިޝަނާ އޮފް ދަ އިޔާ" ގެ އެވޯޑު ރާއްޖޭގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދަށް މިރޭ ލިބިއްޖެ އެވެ.
އިިންޓަނޭޝަނަލް ޓެކްސް ރިވިއު (އައިޓީއާރް) އިން ކޮންމެ އަހަރަކު ބާއްވާ "އޭޝިއާ ޓެކްސް އެވޯޑް" އަކީ ޓެކްސްގެ ދާއިރާ އިން ފާހަގަކޮށްލެވޭ ލަނޑުދަނޑިތައް ހާސިލް ކޮށްފައިވާ ބޭފުޅުންނަށް ދޭ އެވޯޑެއް ކަމަށް މީރާ އިން ބުނެ އެވެ.
"އޭޝިއާ ޓެކްސް ކޮމިޝަނާ އޮފް ދަ އިޔާ" އެވޯޑް ޔަޒީދަށް ދެއްވީ ސިންގަޕޫރުގައި ބޭއްވި ޚާއްސަ ހަފުލާއެެއްގައި ކަމަށް މީރާ އިން ބުންޏެވެ.
މީރާ އިން ބުނީ އެ އެވޯޑް ޔަޒީދު ހާސިލް ކުރީ، އޮސްޓްރޭލިއާ އާއި ސިންގަޕޫރުގެ އިތުރުން ޗައިނާ އާއި ހޮންގްކޮންގްގެ ޓެކްސް ކޮމިޝަނަރަނުންނާ ވާދަކުރައްވައިގެން ކަމަށެވެ.
މީރާ އިން ބުނިގޮތުގައި ޔަޒީދަށް އެވޯޑް ލިބުނީ ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާކޮށް، ޒަމާނީ ކުރުމަށްޓަކައި މިދިޔަ އަހަރު އޭނާ ކުރައްވާފައިވާ މަސައްކަތްތަކަށް ރިއާޔަތް ކޮށް ކަމަށެވެ. އެވޯޑު ލިބޭ މީހުން ކަނޑައަޅާފައި ވަނީ އައިޓީއާރުގެ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.
"އޭޝިއާ ޓެކްސް ކޮމިޝަނާ އޮފް ދަ އިޔާ" އެވޯޑަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި ޓެކްސްގެ ދާއިރާ އިން އެންމެ ހޮވާލެވޭ ކުންފުނިތަކާއި ލީޑަރުންނަށް ދޭ އެވޯޑެއް ކަމަށް ވެސް މީރާ އިން ބުނެ އެވެ.