03 މެއި 2018 - 17:48

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ގައި ބާއްވަން އެ ޕާޓީން މިއަދު ނިންމައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 162 ވަނަ ޖަލްސާގައި މަޝްވަރާކޮށް، އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލާން މި މަހުގެ މަހުގެ 15 ގައި ހުޅުވާލުމަށާއި މި މަހުގެ 30 ގައި ޕްރައިމަރީ ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީން އިންތިޚާބު ކުރާ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެން ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ މަޖިލީހުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގަރާރު ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ އަދި މިހާރު ސްރީ ލަންކާގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ގަރާރު ފާސްވީ ޖަލްސާ އަށް ހާޒިރުވި 85 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ވޯޓުން ކަމަށް އެމްްޑީޕީން ބުންޏެވެ.
ރިޔާސީ ކެންޑިޑޭޓު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށާއި އެ މަނިކުފާނުގެ ކެމްޕޭން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށް ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ނަޝީދު މިދިޔަ މަހުގެ 29 ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި، ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓް ކަމަށާއި ކެންޑިޑޭޓު ކަނޑައަޅާނީ ވަކިވަކި ޕާޓީތަކުގެ ޕްރައިމަރީ އަށް ފަހު ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، ގުޅިފައިވާ ޕާޓީތަކުން އުފައްދާފައިވާ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީގެ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
އެއް ކެންޑިޑޭޓަކު ހޮވަން މި ޕާޓީތަކުގެ މަންދޫބުންނާ އެކު އެކުލަވާލާފައިވާ ކޮމެޓީން ކުރިން މަޝްވަރާ ކޮށްފައި ވަނީ، ޕާޓީތަކުން ވަކިވަކި ޕްރައިމަރީތަކެއް ބޭއްވުމަށް ފަހު، ހޮވޭ ކެންޑިޑޭޓުންނާ އެކުު ކޯލިޝަން ޕްރައިމަރީއެއް ބޭއްވުމަށެވެ.
އެއް ކެންޑިޑޭޓު ކަނޑައަޅާނީ އެ ޕްރައިމަރީގައި ކަމަށް ވާހަކަ ދެކެވުނަސް އެކަން ރަސްމީކޮށް ނިމުނު ކަމެއް މިހާތަނަށް މީޑިއާ އަށް ހާމަކޮށްފައެއް ނުވެ އެވެ.