ރައީސް ބުޝްއާ ދިމާލަށް ބޫޓު އެއްލި ނޫސްވެރިޔާ އިންތިޚާބަށް
ރައީސް ބުޝްއާ ދިމާލަށް ބޫޓު އެއްލި ނޫސްވެރިޔާ އިންތިޚާބަށް

ބަޣުދާދު (މެއި 3) - އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝްއާ ދިމާލަށް ބޫޓު އެއްލި ނޫސްވެރިޔާ މުންތަދާ- އަލް ޒައިދީ އިރާގުގެ އާއްމު އިންތިޚާބުގައި ވާދަކުރަން ނިންމައިފި އެވެ.

މި މަހު 12 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި އަލް ޒައިދީ ވާދަކުރާނީ ޝިއައީ ނުފޫޒުގަދަ ފަރާތެއް ކަމަށްވާ މުގްތަދާ ސަދުރުގެ ޕާޓީންނެވެ. ޒައިދީ ބުނީ އޭނާ ބޭނުން ވަނީ އިރާގުގައި އޮތް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން ކަމަށެވެ. އަދި އިންތިޚާބުން ހޮވިއްޖެ ނަމަ ވަގުން ހޯދާ އިރާގުގެ ޚަޒާނާ އިން ވައްކަން ކުރި މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ޒައިދީ ވަނީ ބުނެފަ އެވެ.

ޒައިދީ ވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝް 2008 ވަނަ އަހަރު ބަޣުދާދަށް ކުރެއްވި ދަތުރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުޝްއާ ދިމާލަށް ބޫޓު އެއްލައިފަ އެވެ. ބޭރުގެ ލީޑަރަކަށް ހަމަލާ ދިން ކަމުގެ ކުށުގައި 12 މަހުގެ ޖަލު ހުކުމެއް ޒައިދީ އަށް އިއްވި ނަމަވެސް އިރާގުގެ ގިނަ މީހުން އޭނާ ބަލައިގެންފައި ވަނީ ބަތަލެއްގެ ގޮތުގަ އެވެ. ރައީސް ބުޝް އާއި އިރާގުގެ ކުރީގެ ބޮޑު ވަޒީރު ނޫރީ އަލް މާލިކީ ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒައިދީ ބައިވެރިވީ އަލް ބަޣުދާދިއްޔާ ޓީވީގެ ނޫސްވެރިއެއްގެ ގޮތުގަ އެވެ.

ދެ ބޭފުޅުން ވާހަކަ ދައްކަވަނިކޮށް ޒައިދީ ކޮޅަށް ތެދުވެ އޭނާގެ ބޫޓު ނަގައި ބުޝްއާ ދިމާލަށް ވަނީ އެއްލައިފަ އެވެ. އަދި އެއީ އިރާގަށް 2003 ވަނަ އަހަރު އެމެރިކާ ސިފައިން އަރައި ހިންގި އުދުވާނާ މެދު ހިތުގައި އޮތް ރުޅިވެރިކަން ކަމަށް ވަނީ ބުނެފަ އެވެ.

"މިއީ އިރާގުން މަރުވެ ދިޔަ މީހުންގެ ފަރާތުން ދިން އަލް ވަދާއުގެ މެސެޖެއް،" ޒައިދީ ބުނެފައިވެ އެވެ.

ބޫޓުގެ ހަމަލާ އިން ބުޝް ވަނީ ސަލާމަތްވެވަޑައިގެންފަ އެވެ. އަދި އެ ހާދިސާއާ މެދު ހިތުގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި އެއީ މަޖާވި ކަމެއް ކަމަށް ބުޝް ވަނީ ވިދާޅުވެފަ އެވެ.

ނުވަ މަސް ދުވަހު ޖަލުގައި ހޭދަކުރި ފަހުން ޒައިދީ މިނިވަން ކުރުމުން އޭނާ ވަނީ ޖަލުގައި ދިން އަނިޔާތަކުގެ ވާހަކަ ދައްކައިފަ އެވެ. ޒައިދީ ފަހުން ވަނީ ނޫސްވެރިކަން ހުއްޓާލުމަށް ފަހު ޔޫރަޕަށް ދިރިއުޅުން ބަދަަލުކޮށް، އިރާގު ހަނގުރާމައިގައި މަރުވި މީހުންގެ އާއިލާތަކަށް އެހީ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

އިރާގު ޕާލަމެންޓުގެ 328 ގޮނޑި އަށް މެންބަރުން ހޮވަން ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 24 މިލިއަން މީހުންނަށް ލިބިގެންވެ އެވެ.