އަބުރުގެ ބިލު: ކަންބޮޑުވުންތައް ބޮލާލައި ޖެހުމަށް ފަހު މިނިވަން ނޫސްވެރިކަން މަރާލަނީ!
އަބުރުގެ ބިލު: ކަންބޮޑުވުންތައް ބޮލާލައި ޖެހުމަށް ފަހު މިނިވަން ނޫސްވެރިކަން މަރާލަނީ!

އަބުރު ރައްކާތެރި ކުރުމަށް ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް ނޫސްވެރިން ނުކުތެވެ. މީޑިއާގެ ފަރާތުން މީގެ ކުރިން ފެނިފައި ނުވާ ފަދަ އެއްބައިވަންތަކަމެއް، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި އެ ބިލާ ދެކޮޅަށް ކުރި މަސައްކަތުން ފެނުނެވެ. އެތައް ފަހަރަކު މަގުމައްޗަށް ނުކުތް އިރު، ނޫސްވެރިންގެ ކަންބޮޑުވުންތައް މީޑިއާ ކައުންސިލުން މަޖިލީހާއި ސަރުކާރާ ހިސާބަށް ގެންގޮސް ދިނެވެ. އެއާ އެކު، އެ ބިލު އަނބުރާ ގެންދެވުމުން، ނޫސްވެރިންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމެޖެހުމެއް ލިބުނެވެ.

އަބުރުގެ ބިލު: ކަންބޮޑުވުންތައް ބޮލާލައި ޖެހުމަށް ފަހު މިނިވަން ނޫސްވެރިކަން މަރާލަނީ!
އަބުރުގެ ބިލު: ކަންބޮޑުވުންތައް ބޮލާލައި ޖެހުމަށް ފަހު މިނިވަން ނޫސްވެރިކަން މަރާލަނީ!

އެކަމަކު، ސަރުކާރުން މި ވަނީ އަނެއްކާ ވެސް ހަމަ އެހާ ނުރައްކާތެރި ބިލެއް މަޖިލީހަށް ވައްދާފަ އެވެ. މީގެ ކުރިން ނިހާން ހުށަހެޅުއްވި ބިލާ ދާދި އެއް ގޮތަށް ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގައި އެތައް ހުރަސްތަކެއް އަދިވެސް ކުރިމަތިކޮށްފައިވެ އެވެ. އެ ބިލުގައި ވެސް އަބުރާ ބެހުމަކީ ނުސީދާކޮށް ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ.

އަބުރުގެ ބިލު: ކަންބޮޑުވުންތައް ބޮލާލައި ޖެހުމަށް ފަހު މިނިވަން ނޫސްވެރިކަން މަރާލަނީ!
އަބުރުގެ ބިލު: ކަންބޮޑުވުންތައް ބޮލާލައި ޖެހުމަށް ފަހު މިނިވަން ނޫސްވެރިކަން މަރާލަނީ!

- މީހަކު ދައްކާ ވާހަކައަކުން އަބުރު ކަތިލެވޭކަން ނުވަތަ ނޫންކަން ސާބިތުކޮށްދިނުމަކީ އެ ވާހަކައެއް ދެއްކި މީޑިއާއެއްގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅާފައިވުން.

އަބުރުގެ ބިލު: ކަންބޮޑުވުންތައް ބޮލާލައި ޖެހުމަށް ފަހު މިނިވަން ނޫސްވެރިކަން މަރާލަނީ!
އަބުރުގެ ބިލު: ކަންބޮޑުވުންތައް ބޮލާލައި ޖެހުމަށް ފަހު މިނިވަން ނޫސްވެރިކަން މަރާލަނީ!

- ޚަބަރު ރައްދުވާ ފަރާތާ ނުގުޅުމުގެ ސަބަބުން އެ ފަރާތެއްގެ ބަހެއް ނުހޯދައި ޝާއިއުކުރުމަކީ ދިފާއެއް ނޫން ކަމަށް ކަނޑައަޅާފައިވުން.

- އެ ޚަބަރެއް ލިއުނު ނޫސްވެރިޔާ އަމިއްލަ އަށް ޒިންމާ ނަގަން ޖެހުން.

- ޖޫރިމަނާ ނުދައްކާ ހިނދަކު އެ ހުކުމް އިސްތިއުނާފު ނުކުރެވުން.

- ޖޫރިމަނާ ނުދައްކައިފި ނަމަ ޖަލަށް ދާން ޖެހުން.

މި ބިލު އަންނަ ހޯމަ ދުވަހު ފާސްކުރަން ތައްޔާރުވަމުން އަންނައިރު، މުޅި މީޑިއާ އޮތީ ކަންބޮޑުވުމާއި ބިރުވެރިކަމުގެ ތެރޭގަ އެވެ. ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒު މޫސާ ސިފަކުރެއްވި ގޮތުގައި މިއީ ނޫސްވެރިކަން ނެތިކޮށްލަން ކުރާ ކަމެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މުޅި ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ ގަލަމާއި ދޫ ބަންދުކޮށް، ސަރުކާރުން ބޭނުންވާ ޚަބަރުތައް ނޫނީ ގެނެސް ނުދެވޭނެ ގޮތަށް ހެދުމަށެވެ. މި ބިލާ އެކު މީޑިއާގެ ކޮންޓުރޯލް ސަރުކާރުގެ އަތްމައްޗަށް ދާނެ ކަމުގެ އިންޒާރު ފިޔާޒު ދެއްވި އެވެ.

"މިވާ ގޮތުން އެހެން މީހަކަށް ރައްދުވާ ގޮތަށް ޚަބަރެއް ލިޔެވޭކަށް ނެތް. އެއީ އެއްވެސް ތަނެއްގައި އޮންނަ ހަމައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެ ވާހަކައާ ވީމީޑިއާގެ ނިއުސް ޑިރެކްޓަރު އިމާދު ލަތީފު ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބިލު ފަރުމާކޮށްފައި ވަނީ އަބުރު ރައްކާތެރި ކުރުމުގެ ބަދަލުގައި ބައެއްގެ އަނގަ ބަންދު ކުރުމަށެވެ. އިމާދު ސިފަކުރެއްވި ގޮތުގައި މިއީ ޑިމޮކްރެޓިކް އުސޫލުތަކާ މުޅިން ބީރަށްޓެހި ބިލެކެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެހެން މީހުންގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަކީ ޑިމޮކްރެސީތަކުގައި ކުރާ ކަމަކަށް ނުވާތީ އެވެ.

"މި ބިލު ފާސްކޮށް، ގާނޫނަކަށް ވާ ހިސާބުން ނޫސްވެރިކަމަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ،" އިމާދު ވިދާޅުވި އެވެ.

ސަރުކާރާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ފަޅާއަރުވާލުމާ ގުޅިގެން ބަންދުކުރަން ޖެހުނު އޮންލައިން ނޫސް، ސީއެންއެމްގެ ޓީމުން ދެކެނީ މި ބިލު ގާނޫނަކަށް ވުމާ އެކު، ނޫސްވެރިކަން ކުރުމަށް މިހާރު މި އޮތް ހަނި ފުރުސަތު ވެސް ގެއްލިގެން ދާނެ ކަމަށެވެ. ހަވީރު ނޫހާއި ސީއެންއެމް އަށް "ޖެހުނު ހާލު" ސަރުކާރަށް ފާރަވެރިވާ ކޮންމެ މީޑިއާއަކަަށް ދެން މާ ފަސޭހައިން ކުރިމަތި ވާނެ ކަމަށް ސީއެންއެމްގެ ޓީމުން ގަބޫލު ކުރެ އެވެ. އޭރުން އެއްވެސް "އުޒުރެއް" ނުދައްކާ ވެސް މީޑިއާތައް ބަންދުކޮށް، ނޫސްވެރިން ޖަލަށް ލެވޭނެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރު އެ ފަރާތުން ދެ އެވެ.

"މިއީ މިނިވަން ނޫސްވެރިކަން މަރާލަން ކުރާ ކަމެއް. ބިލަށް ފަހު ނޫސްވެރިކަމެއް ނޯންނާނެ،" ސީއެންއެމްގެ އެސިސްޓެންޓް އެޑިޓަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ހަސީން ވިދާޅުވި އެވެ.

ނޫސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މީގެ ކުރިން ހުށަހެޅި އަބުރުގެ ބިޅާ ގުޅޭ ގޮތުން ފާޅުކުރި ކަންބޮޑުވުންތަކަށް އެއްވެސް ވަރަކަށް ބަލާފައި ނެތުމެވެ.

ސަން މީޑިއާ ގްރޫޕުގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި ގޮތުގައި ބަންޑާރަ ނައިބާއި އެ ނޫން ވެސް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ އެކު އޭރު ބޭއްވި ބައްދަލުވުންތަކުގައި ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް މި ބިލުގައި ހައްލު ހޯދައިދީފައެއް ނެތެވެ. ޖިނާއީ ދައުވާއެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ މީޑިއާ ކައުންސިލުން އޭރު ހުށަހެޅި އިސްލާހުތަކަކީ ދެ ފަރާތަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ.

"އަދިވެސް އިލްތިމާސަކީ އޭރު ހުށަހެޅި ކަންކަމަށް ހައްލު ހޯދައި ދެއްވުން. އެހެން ނޫން ނަމަ، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ،" އޭނާ ވިދާޅުވި އެވެ.

ޒާހިރުއެކޭ އެއްގޮތަށް ދިޓީވީގެ ސީއީއޯ އާދަމް މިދުހަތު ވެސް ވިދާޅުވީ ނޫސްވެރިން އޭރު ފާޅުކުރި އެއްވެސް ކަންބޮޑުވުމެއްގެ ހައްލު ސަރުކާރުން ހުށަހެޅި ބިލުގައި ހިމަނާފައި ނެތް ކަމަށެވެ. ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެެނެސްފައި ހުއްޓަސް، ނޫސްވެރިންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ގޮތް އެ ވަރުން ނުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެހެންވެ، މީޑިއާ ކައުންސިލުން އޭރު ހުށަހެޅި އިސްލާހުތައް ބިލުގައި ހިމެނުމަށް މިދުހަތު ވެސް ގޮވާލެއްވި އެވެ.

"އެއްވެސް މީހަކަށް ކެތް ވާ ވަރުގެ ޖޫރިމަނާތަކެއް ނޫން މި ހުރީކީ. މި ހުރިހާ ކަމަކުން ވެސް ނޫސްވެރިކަމަށް ދަތިތައް ކުރިމަތި ވާނެ،" ދިޓީވީގެ ޗީފް އެޑިޓަރުކަން ވެސް ކުރައްވާ މިދުހަތު ވިދާޅުވި އެވެ.

"މިހާރު"ގެ އެޑިޓަރު އިސްމާއިލް ނަސީރު ވިދާޅުވީ، އަބުރާ ބެހުމުގެ ވާހަކަ އެއްކިބައިގައި ބާއްވާފައި، މި ބިލްގައި ނޫސްވެރިޔާ ކުށުން ސަލާމަތްވުމަށް އެއްވެސް ދޮރެއް ނެތުމާއި ޝައްކުތަކުން ފުރިފައިވާ ޝަރުއީ ދާއިރާއެއްގެ މައްޗަށް ނޫސްވެރިޔާ އަށް ހުކުމް ކުރަން ފޮނުވުން އެއީ މާ ބޮޑު މައްސަލައެއް ކަމަށެވެ.

"އަބުރުގެ ދައުވާ އުފުލިދާނެ ހަމަ ކޮންމެ ކަމެއްގައި ވެސް މިހާރު އޮތްގޮތުން. މިސާލަކަށް އެ ވާހަކައެއް ރައްދުވާ މީހަކު އެ ލިޔުމެއް މާނަކުރާ ގޮތުން ވެސް. މިކަހަލަ ތާކުންތާކު ނުޖެހޭ ކަންކަން މި ބިލްގައި އެބަހުރި. މުޅި ބިލަށް ބަލާލާއިރު އަޅުގަނޑަށް ވިސްނުނު މައިގަނޑު އެއްޗަކީ މިއީ ކޮންމެހެން ބައެއްގެ އަބުރު ހިމަޔާތް ކުރަން ކުރާ ކަމެއް ނޫން ކަން. އޭގެ ބަދަލުގައި މިހާރު ސަރުކާރު ހިތްހަމަނުޖެހޭ ވާހަކަތަކާއި ކޮރަޕްޝަނާއި ފާޑުކިޔުންތައް މުޅިން ނެތިކޮށްލަން ކުރާ ކަމެއް މިއީ،" އިސްމާއިލް ވިދާޅުވި އެވެ. "މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މިއީ މިކަހަލަ ޒަމާނެއްގައި ކުރާ ކަހަލަ ކަމެއް ނޫން. އެތަކެއް އަހަރުތަކެއް ފަހަތަށް މި ދާން މި ޖެހެނީ. މި ފާސްކޮށްފިއްޔާ އަޅުގަނޑު ދަންނަވާނީ މިއީ ރާއްޖޭގައި މިފަހުން ހިންގާނެ އެންމެ އަނިޔާވެރި އެއް އަމަލޭ."

ކޮރަޕްޝަނާއި ފަސާދައިގެ އެތައް ކަމެއް ފެންމަތިވަމުން ދާއިރު، އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ގާނޫނެއް ހަދަން އުޅެނީ ކީއްވެތޯ ނޫސްވެރިން ސުވާލު އުފައްދަ އެވެ. ރާއްޖެ ޓީވީގެ ފިޔާޒު ވިދާޅުވާ ގޮތަށް، މިއީ ދައުލަތުގެ ހަތަރު ވަނަ ބާރު ނެތިކޮށްލަން ކުރަމުން ގެންދާ މަސައްކަތުގެ ބައެކެވެ. ނޫސްވެރިންގެ ކަންބޮޑުވުންތައް "ބޮލާލައި ޖެހުމަށް ފަހު" ހުށަހެޅި މި ބިލު ގާނޫނަކަށް ވާ ހިސާބުން މިނިވަން ނޫސްވެރިކަމައި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފުން ކުށަކަށް ވީ އެވެ.