ނޫސްވެރިއަކަށް ކަޕިލް ޝަރްމާ ދައުވާކޮށްފި
ނޫސްވެރިއަކަށް ކަޕިލް ޝަރްމާ ދައުވާކޮށްފި

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ނޫސްވެރިއަކާ ދެކޮޅަށް ދައުވާކޮށްފި އެވެ.

އޭނާގެ ގާނޫނީ ވަކީލު ތަންވީޒް ނިޒާމާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަޕިލް ދައުވާކުރަނީ މުނިފޫހި ފިލުވުމުގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު އޮންލައިން ނޫސް ސްޕޮޓްބޯއީގެ ރިޕޯޓަރު ވިކީ ލަލްވާނީއާ ދެކޮޅަށެވެ.

އޭނާއާ ދެކޮޅަށް ކަޕިލް ކުރާ ދައުވާގައި ބުނެފައި ވަނީ ކުރީގެ ދެ މެނޭޖަރުން ކަމަށްވާ ނީތީ އާއި ޕްރިތީ ސައިމޯސްއާ ހަވާލާދީ ހަގީގަތާ ހިލާފު އެތައް ވާހަކައެއް އަދި އޭނާގެ އަނބުރާއި ކަރާމަތް ގެއްލޭ ގޮތަށް ދޮގު ވާހަކަތަކެއް ވިކީ ތަކުރާރުކޮށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެހެންވެ އެކަމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ވިކީ އަތުން 100 ކްރޯޑް ރުޕީސް ނަގައިދިނުމަށާއި އެއްވެސް ޝަރުތެއް ނެތި މާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ނޫސްވެރިޔާގެ މައްޗަށް ކަޕިލް ދައުވާ ކުރަނީ ދާދި ފަހުން ސޮނީން ދައްކަން ފަށައި އަދި މިހާރު ހުއްޓިފައިވާ ކަޕިލްގެ އާ ޝޯ "ފެމިލީ ވިތު ކަޕިލް" ގެ ދެތިން އެޕިސޯޑެއް ވަރު ގެނެސް ދީފައި ވަނިކޮށް، އޭނާގެ ފަރާތުން ތަފާތު މައްސަލަތައް އެ ޝޯ ކުރިއަށް ގެންދަން ކުރިމަތިވެ އެ ވާހަކަތައް މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވިފައި ވަނިކޮށެވެ.

އެ ޝޯގެ އެޕިސޯޑްތަކުގެ ރިކޯޑިން އަށް ތަރިނަށް ދައުވަތު ދީފައި، ކަޕިލް ސެޓަށް ނުދާ މައްސަލަ އާއި ފޯނު ނިއްވާލައިގެން އުޅުނު ވާހަކަތައް މީޑިއާތަކުން ރިޕޯޓް ކުރި އެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮމެޑީއެއްގެ ގޮތުގައި ކަޕިލް އަށް ލިބުނު މަޝްހޫރުކަމާއި ކުއްލި ތަނަވަސްކަމާ އެކު، އޭނާ މިހާރު ހުރީ ފެންވަރު އޮޅިފަ އެވެ. އަދި ފައިސާ އަށް އޭނާ "މޮޔަވެފައިވާ" ކަމަށް ބުނެ، ބައެއް ނޫސްވެރިން އެކަން ސިފަކޮށްފައި ވަނީ "ގުއި ނުދެކޭ ކާޅު" ގެ ގޮތުގަ އެވެ.

މި މައްސަލަގަނޑުގެ ތެރެއިން ކަޕިލް ވަނީ ވަރަށް ހަޑިހުތުރު ބަހުރުވައިން ޓްވީޓްތަކެއް ވެސްކޮށް، އެތައް ބަޔަކު ސިއްސުވައި ލައިފަ އެވެ. މިކަމާ ހެދި ވެސް ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވި އެވެ.

ކަޕިލް މިހާރު ބުނަނީ އޭނާ އަށް ސިއްހީ މައްސަލަތަކެއް ދިމާވެފައިވާތީ އެކަމުން އަރައި ގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް ވަރަށް ޝައުގުވެރި ޕްރޮކެޓްތަކެއް ވެސް އެބަހުރި ކަމަށް ބުނެފައިވެ އެވެ.

"ވަރަށް އަވަހަށް އެނބުރި އަންނާނަން." ކަޕިލް، 37، ބުންޏެވެ.