ރަންވީރް ސިންގް "ސިމްބާ" އަށް ހަށިގަނޑު ވަރުގަދަކުރަނީ
ރަންވީރް ސިންގް "ސިމްބާ" އަށް ހަށިގަނޑު ވަރުގަދަކުރަނީ

ފިލްމެއްގައި ކުޅެންޖެހޭ ރޯލަކަށް ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނައުމަކީ ބޮލީވުޑްގެ ތަރިންނަށް ހަމަ ފެންފޮދެއް ބޯލުން ކަހަލަ ކަމެކެވެ. މި އަހަރު ރިލީޒް ކުރި ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދްމާވަތު" ގައި ވަރުގަދަ ކެރެކްޓާއެއް ކުޅެން ރަންވީރް ސިންގް ވަނީ ވަރަށް ބޮޑަށް އޭނާގެ ހަށިގަނޑު ވަރުގަދަކޮށްފަ އެވެ.

އެ ފިލްމް ކުޅެ ނިންމައިފައި، އިހަކަށް ދުވަހު ޝޫޓިން ނިންމައިލި ޒޯޔާ އަހްތަރުގެ ފިލްމް "ގަލީ ބޯއި" ގައި ރެޕާއެއްގެ ރޯލް ކުޅެން ރަންވީރް ވަނީ ހަށިގަނޑުގެ މަސްތައް ވިރުވާލައި، ސައިޒުން ކުޑަ ވެސް ވެފަ އެވެ. އެ ބަދަލު އޭނާ ވަނީ އިސްޓަގްރާމްގައި ވެސް ކުރިން ހިއްސާކޮށްފަ އެެވެ.

މިހާރު އަނެއްކާ ވެސް ރަންވީރަށް ޖެހިފައި ވަނީ ހަށިގަނޑު ބިލްޑްއަޕް ކުރާށެވެ. ރޯހިތު ޝެޓީގެ މަސާލާ ފިލްމް "ސިމްބާ" ގައި ފުލުހެއްގެ ރޯލް ކުޅެން، ހަށިގަނޑު ފުއްޕައިލުމުގެ ތަމްރީނުތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ. ރޯހިތާ އެކު މަސައްކަތް ކުރެވޭތީ އުފަލުން ހުރި ރަންވީރް ބުނީ "ސިމްބާ" ގެ ޝޫޓިން ފަށަން ވެސް ކެތްމަދުވެފައި ހުރި ކަމަށެވެ.

"ރޯހިތު ބޭނުން ވަނީ ޔުނިފޯމް ވީދައިލީމަ ވަރުގަދަ ހަށިގަނޑެއް ފެންނަ ކަހަލަ ގޮތަކަށް އަހަރެން ހުންނަން. އެހެންވީމާ އެ މަސައްކަތް ފަށައިގެން މިހާރު މިއުޅެނީ،" 31 އަހަރުގެ އެކްޓަރު ބުންޏެވެ. "ފިލްމްގެ ޝޫޓިން ފަށަން މަހެއްހާ ދުވަސް މިއޮތީ. އެހެންވީމާ ޓްރެއިނިންތައް ވަރަށް އެކްސްޓްރީމްކޮށް ދާނީ."

"ސިމްބާ" އަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ. އަދި މިއީ ކަރަން ޕްރޮޑިއުސް ކުރާ ފިލްމެއް ރަންވީރް ކުޅޭ ފުރަތަމަ ފަހަރު ވެސް މެ އެވެ.

މި އަހަރުގެ ޑިސެމްބަރު 28 އަށް ތާވަލުކޮށްފައިވާ "ސިމްބާ" ގައި ރަންވީރާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާނެވެ. މިއީ އޭނާ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމެވެ.