ބޭނުމީ ހައްލުތައް ކިޔައިދޭ ފިލްމުތައް: އަކްޝޭ
ބޭނުމީ ހައްލުތައް ކިޔައިދޭ ފިލްމުތައް: އަކްޝޭ

މިހާރު ފިލްމަކަށް އެއްބަސްވާ އިރު، ބޮޑަށް ގަޔާވަނީ މައްސަލަތަކަކަށް ބިނާކޮށް ހަދާ ފިލްމްތަކަށް ވުރެ ބޮޑަށް، އާންމުންނަށް ހައްލުތަކެއް ކިޔައިދީގެން ވަރުގަދަ މެސެޖެއް ފޯރުކޮށްދޭ ކަހަލަ ފިލްމްތަކަށް ކަމަށް އަކްޝޭ ކުމާރް ބުނެފި އެވެ.

އޭނާގެ އެންމެ ފަހުގެ ދެ ފިލްމަށްވާ "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" އާއި "ޕެޑްމޭން" އަކީ ހޭލުންތެރި ކަމަށް ހާއްސަކޮށްގެން، ހައްލުތަކެއް ކިޔައިދޭ ދެ ފިލްމެވެ. "ޓޮއިލެޓް" އަކީ އިންޑިއާގެ ރަށްފުށުގެ ބޮޑު އާބާދީއަކަށް، ފާހާނާ ކުރުމުގެ ހަރުދަނާ ނިޒާމެއް ނެތުމުން ދިމާވާ ތަފާތު މައްސަލަތަކުން އަރައި ގަތުމަށް ކުރެވިދާނެ ކަންކަމުގެ ހައްލުތަކެއް ކިޔައިދޭ ފިލްމެކެވެ.

"ޕެޑްމޭން" އަކީ އަންހެނުންނަށް ސެނިޓަރީ ނެފްކިންގެ މުހިއްމުކަން އަންގައިދޭ ފިލްމެކެވެ.

"ވަރަށް ގިނަ ސްކްރިޕްޓްތައް ލިބޭ އިރު، އެއިން ގިނަ އެއްޗެހި ހުންނަނީ ކޮންމެވެސް ބޮޑު މައްސަލައަކަށް ފޯކަސްކޮށްފައި. އެކަމަކު އަހަރެން ގަޔާވާނީ މައްސަލަތަކަކަށް ނޫން، ހައްލުތައް ކިޔައިދޭ ކަހަލަ ވާހަކަތަކަށް،" މިހާރު ތާރީހީ ހަނގުރާމަ ފިލްމް "ކޭސަރީ" ކުޅެމުން އަންނަ އެކްޓަރު މުމްބާއީގައި އޮތް އިވެންޓެއްގައި ބުންޏެވެ.

އަކްޝޭ ބުނި ގޮތުގައި އިންޑިއާގެ ހަބަރުތައް ގެނެސްދޭ ގިނަ ޓީވީ ޗެނެލްތަކަށް ބަލާ އިރު، ކޮންމެ ޗެނެލަކީ ވެސް ކޮންމެވެސް މައްސަލަތަކެއްގެ ވާހަކަ އާންމުންނާ ހަމައަށް ގެނެސްދޭ ބައެކެވެ. އެކަމަކު އެ މައްސަލަތަކާ އެކު، ހައްލުތަކެއް ކިޔައި ނުދޭތީ ކަންބޮޑުވާ ކަމަށް ބުންޏެވެ.

"އަހަރެން ވެސް ގަބޫލު ކުރަން އިންޑިއާގައި އެބަހުރި އެކި ދާއިރާތަކުން ބައިވަރު އިޝޫތައް. އެކަމަކު އެކަންކަމުގެ ވާހަކަ އާންމުންނަށް ހިއްސާ ކުރާ އިރު، އެ މައްސަލަތަކުން އަރައި ގަންނަން ކުރެވިދާނެ ކަންކަން ވެސް ވާނެ ކިޔައިދޭން ވާނެ ކަމަށް އަހަރެން ގަބޫލު ކުރަނީ،" ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އެ މަންޒަރު ދެކެން ވަރަށް ބޭނުން."

އަކްޝޭ ވަނީ އަނެއްކާ ވެސް ތަފާތު އިޖުތިމާއި ކަމަކަށް ބިނާކޮށް ފިލްމެއް ހަދަން އުޅޭކަމުގެ އިޝާރާތެއް ދީފަ އެވެ. އެއީ ގަސް އިންދުމާއި ދަނޑުވެރިކަމުގެ މުހިއްމު ކަމުގެ މައްޗަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދީ ބުނީ ފިލްމަށް ކިޔާނީ "ލަކްޕަތީ ކިސާން" ކަމަށެވެ.

"ސޯޝަލް މެސެޖެއް ގެނެސްދޭ ފިލްމެއް ހަދާ އިރު، އެއީ ވަރަށް މުނިފޫހި ފިލުވައިދޭ ގޮތަށް ވެސް ގެނެސްދޭ ކަހަލ؛ަ އެއްޗަކަށް ވާން ޖެހޭނެ. އެހެން ނޫނީ ބެލުންތެރިންނަށް ކަމަކު ނުދާނެ." އަކްޝޭ ބުންޏެވެ.

އަކްޝޭ، 50، ގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ސައިންސް ފިކްޝަން ފިލްމް "2.0" އާއި ތާރީހީ ކުޅިވަރު ފިލްމް "ގޯލްޑް" އަދި ކޮމެޑީ ފިލްމް "ހައުސްފުލް 4" ހިމެނެ އެވެ.