ގޯލްކީޕަރުންނަށް ތައުރީފް ކުރަނީ މަދު ފަހަރަކު: ނަވާސް
ގޯލްކީޕަރުންނަށް ތައުރީފް ކުރަނީ މަދު ފަހަރަކު: ނަވާސް

މެޑްރިޑް (މެއި 3) - ދުނިޔޭގެ ފުޓްބޯޅައިގައި ގޯލްކީޕަރުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ތައުރީފް ކުރަނީ މަދު ފަހަރަކު ކަމަށް ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ކޮސްޓަ ރިކާގެ ކޭލޯ ނަވާސް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ބަޔާން އާއި ރެއާލް މެޑްރިޑް 2-2 އިން އެއްވަރުވިއިރު، މި މެޗުގައި ބަޔާނުން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ނަވާސް ވަނީ މަތަކޮށްފަ އެވެ. އެ މެޗަށް ފަހު ބަޔާންގެ ކޯޗު ޔުޕް ހެއިންކެސް ވަނީ ނަވާސް އަށް ތައުރީފް ކޮށްފަ އެވެ.

ނަވާސް ބުނީ ހެއިންކެސްގެ ވާހަކަތަކުގެ ސަބަބުން އޭނާ އަށް ލިބުނީ ހައިރާން ކަމެއް ކަމަށެވެ.

"ސެމީ ފައިނަލެއްގައި މި ފަދަ މެޗެއް ނިންމާފައި އުއްމީދެއް ނުކުރަން އިދިކޮޅު ޓީމުގެ ކޯޗު އަހަންނަށް ތައުރީފް ކުރާނެ ކަމަށް. އެއީ މަދުން ފެންނަ ކަމެއް. ހަގީގަތުގައި ފުޓްބޯޅައިގައި ވެސް ގޯލްކީޕަރުންނަށް ތައުރީފް ކުރަނީ މަދު ފަހަރަކު. އެއީ ބޮޑަށް ފެންނާނީ ހަދާ ގޯސް،" އުމުރުން 31 އަހަރުގެ ނަވާސް ބުންޏެވެ.

އަންނަ ސީޒަނަށް ރެއާލުން ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްޕެއިނުގެ ކީޕަރު ޑޭވިޑް ޑެހެއާ ގެންނަން އެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަވާސް ބުނީ އެ ފަދަ ވާހަކަތަކުގެ ސަބަބުން އޭނާގެ ވިސްނުމަށް ބަދަލެއް ނާންނަ ކަމަށެވެ.

"ރެއާލް ކަހަލަ ބޮޑު ޓީމަކަށް ކުޅޭއިރު ޕްރެޝަރު އޮންނާނެ. އަހަންނަށް އެކަން އެނގޭ. ރެއާލުގައި ލިބޭ ކޮންމެ ފުރުސަތެއްގައި އަހަރެންގެ ފަރާތުން 100 ޕަސެންޓް ދޭނަން،" ނަވާސް ބުންޏެވެ.

އޭނާ ބުނީ ރެއާލުގެ ފޯކަސް މިހާރު ހުރީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކަމަށެވެ.