03 މެއި 2018 - 15:18

މެޕްސް ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ފެންވަރަށް އެ ކޮލެޖުން ހިންގާ 25 ކޯހަކަށް މި މަހުގެ ނިޔަލަށް ކުރިމަތިލެވޭނެ އެވެ.
މެޕްސްގެ ޑެޕިއުޓީ ރެކްޓަ އަބްދުލްއަޒީޒް އިބްރާހިމް ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ފެންވަރު ރަނގަޅު ތައުލީމެއް އެ ކޮލެޖުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން އޮފީސްތަކާއި ކުންފުނިތަކުން ސްޕޮންސާ ކޮށްގެން މެޕްސްގައި ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އަޒީޒް ވިދާޅުވި އެވެ.
"އެކަމުން ވެސް ދޭހަވަނީ، ކުންފުނިތަކާއި އޮފީސްތަކުން މި ކޮލެޖުގެ ކޯހުގެ ފެންވަރު ގަބޫލުކޮށް މި ތަނަށް އިތުބާރު ކުރާކަން،" މެޕްސް ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޒީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ދެ ވަނަ އިންޓޭކުން 400 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ.
އަޒީޒް ވިދާޅުވީ މެޕްސްގެ އަމިއްލަ ޕްރޮގްރާމްތަކާއި އިނގިރޭސި ވިލާތުގެ ބެޑްފަޑްޝާ ޔުނިވާސިޓީގެ ޕްރޮގްރާމްތަކަށް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. ބިޒްނަސް މެނޭޖްމެންޓާއި އެކައުންޓިން އާއި ޓޫރިޒަމްއާ ގުޅުން ހުރި ދާއިރާތައް ފާހަގަކޮށްލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މެޕްސް އިން ބުނީ ކިޔެވުމުގެ އިތުރުން އެކި ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާ ކުރެވޭނެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
މެޕްސްގެ ދަރިވަރުންގެ ޖަމިއްޔާގެ ރައީސް އިބްރާހިމް ލިރާރް ވިދާޅުވީ، އިޖުތިމާއީ އެކި މަސައްކަތްތަކުގައި ބައިވެރިވުމާއި ތަފާތު މަޝްރޫއުތައް ހިންގާ ތަންތަނަށް ޒިޔާރަތްކޮށް، އެ ކަންތައް ތަޖުރިބާ ކުރެވޭނެ މަގު އޮންނަ ކަމަށެވެ.