03 މެއި 2018 - 11:13

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ދެ ވަނަ އަޑުއެހުން މިއަދު ހެނދުނު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.
މިއަދުގެ އަޑުއެހުން ކެންސަލްކުރީ މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ބުނެ އެ މަނިކުފާނުގެ އާއިލާ އިން އިއްޔެ ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށެވެ. އެކަމަކު އެ މަނިކުފާނަށް ދިމާވީ ސިއްހީ ކޮން މައްސަލައެއް ކަމެއް އާއިލާ އިން އަދި ނުބުނެ އެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދަކު ނުބާއްވަ އެވެ.
މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ. އެ ބޭފުޅުންގެ ޝަރީއަތް މިއަދު ނުބާއްވަ އެވެ.