މަހާތިރުގެ "ފޭކް ނިއުސް" ގެ މައްސަލައެއް ބަލަން ފަށައިފި
މަހާތިރުގެ "ފޭކް ނިއުސް" ގެ މައްސަލައެއް ބަލަން ފަށައިފި

ކުއާލަ ލަމްޕޫރު (މެއި 3) - މެލޭޝިއާގެ އިދިކޮޅު ލީޑަރު މަހާތިރު މުހައްމަދުގެ "ފޭކް ނިއުސް" ގެ މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.

އަންނަ ބުދަ ދުވަހު އޮންނަ އާއްމު އިންތިޚާބުގެ ކެމްޕޭން ފޯރި އެންމެ ގަދަވެފައި ވަނިކޮށް، ބޮޑު ވަޒީރު ނަޖީބު ރައްޒާގާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުގެ މައްސަލަ ބަލަނީ މެލޭޝިއާގައި ދާދި ފަހުން ތައާރަފް ކުރި އެންޓި-ފޭކް ނިއުސް ގާނޫނުގެ ދަށުންނެވެ.

ކެންޑިޑެސީ ރަޖިސްޓްރީ ކުރަން ލަންގާވީ އަށް މިދިޔަ ހަފުތާގައި ދަތުރު ކުރަން ޗާޓަރު ކުރި މަތިންދާ ބޯޓު ހުއްޓުވަން މަސައްކަތް ކޮށްފައިވާ ކަމަށް މަހާތިރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މަހާތިރު ވަނީ އެހެން ފްލައިޓެއްގައި ލަންގާވީ އަށް ދަތުރު ކުރައްވާ ކެންޑިޑެސީ ރަޖިސްޓްރީ ކޮށްފަ އެވެ.

މެލޭޝިއާގެ ސިވިލް އޭވިއޭޝަނުން ބުނެފައި ވަނީ ބޯޓު ޗާޓަރު ކުރި ކުންފުުނިން އަންގާފައި ވަނީ ދަތުރަށް ހުރަސް އެޅުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. ޕައިލެޓް ބުނެފައި ވަނީ ޗާޓަރު ފްލައިޓް ކެންސަލް ކުރީ ބޯޓުގެ ފުރޮޅަށް ދިމާވި މައްސަލައަކުން ކަމަށެވެ.

މެލޭޝިއާ ފުލުހުން ބުނީ ފޭކް ނިއުސް ފެތުރިކަމުގެ މައްސަލައެއް މަހާތިރާ ދެކޮޅަށް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ބައެއް ފަރާތްތަކުން ބުނަނީ މިއީ އިންތިޚާބުގެ ކުރިން އިދިކޮޅު ފަރާތްތަކަށް ޖެއްސުން ކުރަން ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.

"ފޭކް ނިއުސް ގާނޫނުގެ ދަށުން މަހާތިރުގެ މައްސަލައެއް ބަލަމުން މިދަނީ،" ކުއާލަ ލަމްޕޫރު ފުލުހުންގެ ވެރިޔާ މަޒްލާން ލާޒިމް ވިދާޅުވި އެވެ.

މެލޭޝިއާގެ ބައެއް މީޑިއާތަކުން ބުނީ މަހާތިރާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ ނަޖީބުގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން އަށް ތާއީދުކުރާ ގްރޫޕަކުން ކަމަށެވެ.

މަހާތިރު ވިދާޅުވީ އޭނާއާ ދެކޮޅަށް ކޮންމެ މައްސަލައެއް ވެސް ބެލިދާނެ ކަމަށާ އަދި ކޯޓަށް ވެސް ގެންދެވިދާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ފޭކް ނިއުސްއެއް ނުފަތުރަން. މުޅިން ވެސް ހަގީގަތް ހާމަކުރީ،" އުމުރުން 92 އަހަރުގެ މަހާތިރު ވިދާޅުވި އެވެ.

އެތައް ބައެއްގެ ދެކޮޅު ހެދުންތަކާ އެކު މެލޭޝިއާ އިން ފޭކް ނިއުސް ގާނޫނު ފާސްކުރީ މިދިޔަ މަހު އެވެ. ފޭކް ނިއުސް ފަތުރައިގެން ކުށްވެރިވެއްޖެ ނަމަ ހަ އަހަރާ ހަމައަށް ޖަލަށްލުން ނުވަތަ 500،000 ރިންގިޓް (127،000 ޑޮލަރު) އާ ހަމައަށް ޖުރިމަނާ ކުރެވެ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ނަޖީބުގެ މައްޗަށް ތުހުމަތުކޮށްފައިވާ 1އެމްޑީބީގެ ކޮރަޕްޝަނުގެ ވާހަކަ ދެއްކުން ހުއްޓުވަން ފާސްކުރި ގާނޫނެއް ކަމަށެވެ.