03 މެއި 2018 - 10:26

ސޯލް (މެއި 3) - ކޮރެއާ ހަނގުރާމަ ރަސްމީކޮށް ނިމުނުކަމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އެމެރިކާ ސިފައިން ސައުތު ކޮރެއާ އިން ނުފައިބާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
ކޮރެއާ ހަނގުރާމަ 1953 ވަނަ އަހަރު ނިމުމުން ގާއިމްކުރި ސަލާމަތީ އެއްބަސްވުމުގެ ދަށުން ސައުތު ކޮރެއާގައި އެމެރިކާގެ 29،000 ސިފައިން ތިބެ އެވެ. ނޯތު ކޮރެއާ އިން މީގެ ކުރިން ވަނީ ނިއުކްލިއާ ހަތިޔާރުގެ ޕްރޮގްރާމް ހުއްޓާލާނީ އެމެރިކާ ސިފައިން ކޮރެއާ ޕެނިންސުލާ އިން ފޭބުމުން ކަމަށް ޝަރުތު ކޮށްފަ އެވެ. ނަމަވެސް ސައުތު ކޮރެއާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ އެމެރިކާ ސިފައިން ތިބުމާއި ސުލްހައިގެ އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅުމެއް ނެތް ކަމަށެވެ.
"އެމެރިކާ ސިފައިން ސައުތު ކޮރެއާގައި ތިބެނީ ދެ ގައުމުގެ މެދުގައި ގާއިމްކޮށްފައިވާ އިއްތިހާދެއްގެ ދަށުން،" ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންގެ ފަރާތުން ވާހަކަ ދައްކަވަމުން ކިމް އެޔުއި-ކެޔޫން ވިދާޅުވި އެވެ.
ދެ ކޮރެއާގެ ވެރިން ހުކުރު ދުވަހު ބޭއްވި ސަމިޓުގައި ވަނީ ކޮރެއާ ޕެނިންސުލާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލަން އެއްބަސްވެފަ އެވެ. ކޮރެއާ ހަނގުރާމަ 1953 ވަނަ އަހަރު ނިމުނު ނަމަވެސް ޓެކްނިކަލީ ދެ ގައުމު މިހާރު ވެސް ވަނީ ހަނގުރާމައިގަ އެވެ.
އެމެރިކާ ސިފައިން ސައުތު ކޮރެއާގައި ތިބުމާ ދެކޮޅުކަން ނޯތު ކޮރެއާ އިން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. އަދި އެމެރިކާ އާއި ސައުތު ކޮރެއާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކާ މެދު ނޯތު ކޮރެއާ އިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ސައުތު ކޮރެއާގައި އެމެރިކާ ސިފައިން ތިބުމަށް އެ ގައުމުން އެހާ ބޮޑު ހޭދައެއް ކުރަން ޖެހޭ ސަބަބާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ސުވާލު އުފައްދައިފަ އެވެ.