23 ޖުލައި 2016 - 16:57

މިމަހުގެ ނިޔަލަށް ބޭނުންކުރަން ނިންމާފައިވާ ކަރުދާސް ނޫޓުތަކަށް އަންނަ ޑިސެމްބަރުގެ ނިޔަލަށް ބޭންކުތަކުން ބަދަލުދޭން ނިންމާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރަންދިހަ ފަހެއްގެ ނޫޓު ސީރީސް ނެރުމަށްފަހު ކުރީގެ ކަރުދާސް ނޫޓުތަކަށް މިމަހުގެ 31ގެ ފަހުން ފަސް އަހަރުގެ ނިޔަލަށް ބަދަލު ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން 31 ޖުލައި 2021ގެ ނިޔަލަށް އެމްއެމްއިން ބަދަލުދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭންކުތަކާ ވާހަކަދައްކާފައި ނިންމާފައިވާނެ ބޭންކުތަކުގެ ކައުންޓަރުގެ އިތުރުން ޑިޕޮސިޓް އޭޓީއެމްތަކަށް ވެސް ކަރުދާސް ނޫޓުތައް ޑިޕޮސިޓްކުރެވޭނެ ގޮތް ހަދަން. އޭރުން ވެސް އާއްމުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެމްއެމްއޭގެ އޮފިޝަލް ވިދާޅުވީ އުތުރުގެ ބައެއް ރަށްރަށުގައި އަދިވެސް ގިނަ އަދަދަކަށް ކަރުދާސް ނޫޓު ހުރިކަމުގެ މައުލޫމާތު ލިބިފައިވާތީ އެ ނޫޓުތަކަށް ބަދަލު ދޭން ޓީމްތައް ދަތުރުކުރަމުންދާ ކަމަށެވެ. އަދި ރަށްރަށް ދަތުރުކުރާ ބީއެމްއެލްގެ ދޯނި ބޭންކުން ވެސް މިމަހުގެ 31ގެ ނިޔަލަށް ބަދަލު ދެމުންގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ އިން ބުނެފައި ވަނީ ކުރީގެ ކަރުދާސް ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާ ފިޔަވައި އެހެން ހުރިހާ ނޫޓުތަކީ މިމަހުގެ 31ގެ ފަހުން ލީގަލް ޓެންޑާއެއް ނޫން ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ފައިސާފޮތި ނެރެވެންދެން ކަރުދާސް ނޫޓު ބޭނުންކުރެވޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީގެ ނޫޓުތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުރުވަމުން ދަނީ ކަރުދާސް ނޫޓުގެ ނުވަ ޕަސެންޓް ނުވަތަ 261 މިލިއަން ރުފިޔާ އެވެ.
އެ އޮތޯރިޓީން ބުނީ މިދިޔަ ޖެނުއަރީ 25ވަނަ ދުވަހު ރަންދިހަ ފަހެއް ނޫޓު ބޭނުންކުރަންއިރު 2.9 ބިލިއަން ރުފިޔާގެ ކަރުދާސް ނޫޓު ބޭނުންކުރަމުންދިޔަ ކަމަށެވެ.