އެޕަލް ރުއްސުމަށް ކުއަލްކޮމް އިން 5ޖީ ލައިސަންސް ފީ ކުޑަކޮށްފި
އެޕަލް ރުއްސުމަށް ކުއަލްކޮމް އިން 5ޖީ ލައިސަންސް ފީ ކުޑަކޮށްފި

އެޕަލްގެ އުފެއްދުންތަކުގައި ކުއަލްކޮމް މޯޑެމްތައް ނުހިމަނަށް ވަނީ ނިންމާފަ އެވެ. ދެ ކުންފުނި ދެމެދު ހިނގާ ދިޔަ ނުތަނަވަސް މުއަލާމަލާތްތަކަށް ފަހު، އެޕަލް އިން އެ ގޮތަށް ނިންމީ ކުއަލްކޮމް އިން ނަގާ ލައިސަންސް ފީ މާ ބޮޑު ކަމަށް ބުނެ އެވެ. އަދި އެޕަލް އަށް ފޯރުކޮށްދޭ ޚިދުމަތަކަށް އެކި ފަހަރު އެކި އަގު ކުއަލްކޮމް އިން ނަގާ ކަމަށް ބުނެ އެވެ.

އެޕަލް އަކީ ބުނާ ބަސް ދޫކުރާ ބައެއް ނޫންކަން ކުއަލްކޮމް އަށް ތަޖުރިބާކުރެވެން ފެށުމުން މިހާރު ވަނީ ރާގާއި ބަސްމަގު ބަދަލުކޮށްފަ އެވެ. އަދި 5ޖީ އުފެއްދުންތައް ބޭނުންވާ ލައިސަންސް ފީ ކުޑަކުރަން ވަނީ ނިންމާފަ އެވެ.

އާންމުކޮށް ސްމާޓްފޯން އުފައްދާ ހުރިހާ ކުންފުންޏަކުން ކުއަލްކޮމްގެ އުފެއްދުންތައް ބޭނުންކުރި ނަމަވެސް، ލައިސަން ފީ ކުޑަކޮށް، ކުރިން އަމަލުކުރަމުން ދިޔަ އުސޫލުތައް ބަދަލުކޮށްފައި ވަނީ އެޕަލް ރުއްސޭތޯ އެވެ. އެޕަލް އިން ވަނީ 2018 ގައި އުފައްދާ އައިފޯން މޮޑެލްތަކުގައި ކުއަލްކޮމް މޯޑެމް ޗިޕްތައް ބޭނުންނުކުރާނެ ކަމަށް ބުނެފަ އެވެ. އެޕަލް ދުރަށް ޖެހުމުން ކުއަލްކޮމް އަތުން ބީވަނީ ކިހާ ފައިސާއެއްކަން މިހާރު އެ ކުންފުންޏަށް އިހުސާސްވާން ވަނީ ފަށާފަ އެވެ.

ސްމާޓްފޯން ކުންފުނިތަކަށް ލައިސަންސް ވިއްކުމުގައި ކުއަލްކޮމް ދެ ގޮތަކަށް އަމަލުކުރެ އެވެ. އެއް ގޮތަކީ މުޅި ޕެކޭޖަށް ބޭނުންވާ ލައިސަންސް އެވެ. އެ ގޮތުގައި ކޮންމެ ހޭންޑްސެޓެއްގެ އަގުގެ 5 ޕަސެންޓް، ލައިސަންސް ފީ ގޮތުގައި ކުއަލްކޮމް ނަގަ އެވެ. އަނެއް ގޮތަކީ "ސްޓޭޑާޑް އެސެންޝަލް ޕެކޭޖް" އެވެ. އެއީ ފޯނެއްގެ އަގުގެ 3.25 ޕަސެންޓް އެވެ. ސްޓޭޑާޑް ޕެކޭޖްގައި އާންމު ގޮތެއްގައި ހިމާފައި ހުންނަނީ ވަޔަލެސް ނެޓްވޯކްތަކަށް ގުޅަން ބޭނުންވާ ބައިތައް އަދި އެ ބައިތަކަށް ބޭނުންވާ ލައިސަންސް އެވެ. ސްމާޓްފޯން ކުންފުނިތަކަށް، ލައިސަންސް ހޯދުމުގައި، ކުއަލްކޮމް އިން ދިން ލުޔަކީ، ބުނެވުނު ދެ ޕެކޭޖް އެކުގައި ނަގާ ކުންފުނިތަކަށް 5ޖީ ލައިސަންސް މުޅިން ހިލޭ ދިނުމެވެ. އާންމުކޮށް ހުރިހާ ކުންފުނިތަކަކުން ވެސް އެ ދެ ޕެކޭޖް އެކުގައި ނަގަ އެވެ.

މި ކަމާ ގުޅޭ ގޮތުން ކުއަލްކޮމް ބުނީ އެ މީހުން ލައިސަންސް ފީ ކުޑަނުކުރާ ކަމަށާއި، ކުރި ކަމަކީ އެއް ޕެކޭޖެއްގައި ގިނަ ޓެކްނޮލޮޖީ ހިމެނީ ކަމަށެވެ. އެހެން ނަމަވެސް މިއީ ކުއަލްކޮމްގެ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ. އަނެއްކޮޅުން 5ޖީ މޮބައިލް ނެޓްވޯކްތައް ވުޖޫދުވާން ފަށާފައި ވާއިރު، ސްމާޓްފޯން ކުންފުނިތަކުން ދަނީ ނެޓްވޯކްތަކުގައި ހިންގާނެ 5ޖީ ސްމާޓްފޯނުތައް އުފައްދަމުންނެވެ.