މިޔަރުގެ ހަމަލާއިން ދުރުކޮށްދޭ ކަމަރެއް
މިޔަރުގެ ހަމަލާއިން ދުރުކޮށްދޭ ކަމަރެއް

ރާޅާއަޅާއިރާއި މޫދަށް އެރި އުޅުމުގައި މިޔަރަކާ ދިމާވެދާނެތީ ކަންބޮޑުވޭހެއްޔެވެ؟ މިޔަރުގެ ކާނާގެ ލިސްޓަކު އިންސާނުންނެއް ނުހިމެނެއެވެ. އެކަމަކު މިޔަރުގެ ޝިކާރައަކަށްވެ ބޮޑެތި އަނިޔާ ލިބޭ މީހުންގެ ވާހަކަ އަޑުއަހައި އުޅެމެވެ. އިންސާނުންނަށް މިޔަރުގެ ހަމަލާ އަމާޒުވަނީ ކާއެއްޗެއް ހޯދަން އުޅުމުގެ ތެރޭގައި ނޭނގިކަމަށް، ދަންނަ މީހުން ބުނެއެވެ.

ކަނޑުއަޑިން މިޔަރު ދަތުރުކުރާއިރު ވާ ކޮންމެ ހިލަމަކުން ކަރަންޓުގެ މިންވަރެއް މިޔަރަށް އިހުސާސްކުރެވެއެވެ. ދަތްއަޅާ ފަހުން ނޫނީ ކޮން އެއްޗެއް ކަމެއް އެ ސޮރުމެންނަކަށް ނޭނގެއެވެ. ދަތްއެޅުމަށް ފަހު، ކާނާ ނޫންކަން އެނގި ދޫކޮށްލާއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. "ޝާކްބޭންޒް" އަކީ މިފަދަ ހާދިސާތަކުން ރައްކާތެރިކަން ހޯދުމަށް އުފެއްދި ކަމަރެކެވެ.
މިޔަރުގެ ސަބަބުން ލިބޭ އަނިޔާތަކުން ސަލާމަތްވާނެ ގޮތްގޮތް ހޯދުމަށް ތަހުލީލުކުރަމުންދާތާ ގިނަ ދުވަސްވީ ސައިންސްވެރިންގެ ޓީމަކާ ގުޅިގެން ފައްކާކުރަމުންދާ މި ކަމަރަކީ އަތުގެ ކުޑަހުޅުގަ އާއި ފައިގެ ތަނބިކަށީގައި ވެސް އަޅުވާލެވޭނެ ކަމަރެކެވެ. ރާޅާ އަޅަންގެންދާ ކަނދުގަނޑުގެ ވަލުގައި ވެސް އައްސާލެވޭނެއެވެ.

މިކަމަރުން ކޮށްދޭ ކަމަކީ ދަގަތްފާނު ބާރެއް ފޮނުވާލަނީއެވެ. ޝިކާރައަށް ނުކުމެ އުޅޭ މިޔަރަށް ކަނޑުއަޑިން އިހުސާސްކުރެވޭ ކަރަންޓަކީ ކާނާ އަތުޖެހިއްޖެ ކަމުގެ ސިގްނަލެވެ. އެކަމަކު މި ކަމަރުން ފޮނުވާލާ ދަގަތްފާނު ބާރުން މިޔަރަށް ލިބެނީ ކުއްލި ސިހުމެކެވެ. އަދި ވަގުތުން އެނބުރި ދަނީއެވެ. ރަހަ ބަލައިލުމުގެ ހުރިހާ ޝައުގުވެރިކަމެއް ފެނަށް ފޭދިގެންދާ ކަހަލައެވެ. މި ކަމުން އިންސާނުންނަށާއި މިޔަރަށް ވެސް ރައްކާތެރިކަން ލިބެއެވެ.

ޝާކްބޭންޒް ކަމަރު އަބަދުވެސް އޮންނާނީ "އޮން"ވެފައެވެ. ކަރަންޓަށް ގުޅާކަށް، ޗާޖުކުރާނެ ބެޓެރީއެއް މިއަކު ނުހުރެއެވެ. މިއީ 100 މީޓަރު އަޑިއަށް ފީނާއިރު ވެސް ބަރާބަރަށް އޭގެ ވާޖިބު އަދާކުރާ އެއްޗެކެވެ.