ފަނޑިޔާރުންގެ މައްސަލާގައި ދިން ބަޔާނެއް އަނބުރާ ގެންގޮސްފި
ފަނޑިޔާރުންގެ މައްސަލާގައި ދިން ބަޔާނެއް އަނބުރާ ގެންގޮސްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގަށް، އިސްލާމިކް ބޭންކުގެ ކުރީގެ ހެޑް އޮފް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ހަސަން ފުލުހުންނަށް ދިން ސިއްރު ބަޔާން ލީކުވުމުން އެ ބަޔާން އަނބުރާ ގެންގޮސްފި އެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ގުޅޭ ގޮތުން ހިންގާ ތަހުގީގަށް ބައެއް ފަނޑިޔާރުންނާއި ފުލުހުން އަދި އެހެން ބައެއް މީހުން ދީފައިވާ ބަޔާންތަކެއް ލީކުވެފައި ވާއިރު، ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދު ފްލެޓް ބައްލަވައިގަތުމަށް ހިންގެވި މުއާމަލާތްތަކަކާ ބެހޭ ގޮތުން ޝަފާއު ދިން ބަޔާން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ލީކުވި ބަޔާންތައް ސައްހަ ކަމަށް، ފުލުހުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ޕްރެސް ކޮންފަރެންސްގެ ފަހުން ޝަފާއު ވަނީ އޭނާގެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަން ފުލުސް އޮފީހަށް އަންގައިފަ އެވެ. އޭނާ އެގޮތަށް އެންގީ ބަޔާނާއި ޝަރީއަތުގެ ހެކިބަސް ސިއްރު ކުރުމަށް ނިންމާފައި ވަނީ ޝަފާއުގެ ރައްކާތެރިކަމަށްޓަކައި ފުލުހުން އެގޮތަށް އެދުމުންނާއި ފުލުހުން އެކަމަށް ދިން ޔަގީންކަމުގެ ސަބަބުން ކަމަށް ވިޔަސް އެ ޔަގީންކަން މިހާރު ނެތް ކަމަށް ބުނެ އެވެ. އެހެންވެ ބަޔާން އަނބުރާ ގެންގޮސް، ޝަރީއަތުގައި ހެކިބަސް ދިނުމަށް ވެސް އޭނާ ވަނީ އިއުތިރާޒް ކޮށްފަ އެވެ.

ޝަފާއުގެ ބަޔާނުގައި، ފަނޑިޔާރުންގެ ބައެއް ލިޔެކިޔުންތަކާއި މުހިންމު އެހެން ބައެއް ލިޔުންތައް ވެސް އޭނާގެ ސައިކަލްގެ މަޑި ދަށުގައި ބެހެއްޓި ކަމަށް ބުނެފައިވެ އެވެ. ބަޔާނުގައި އެ ސައިކަލުގެ ނަންބަރު ވެސް ހާމަވެފައިވެ އެވެ.

ފުލުހުންގެ ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވި ގޮތުގައި، ބަޔާންތައް ލީކުކޮށްލާފައި ވަނީ ނުފޫޒު ގަދަ ބަޔަކު އަޑީގައި ތިބެގެންނެވެ. އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.