ޓްރަމްޕަށް ނޯބެލް ސުލްހައިގެ އިނާމު ލިބެން ޖެހޭ: ސައުތު ކޮރެއާ
ޓްރަމްޕަށް ނޯބެލް ސުލްހައިގެ އިނާމު ލިބެން ޖެހޭ: ސައުތު ކޮރެއާ

ސޯލް (މެއި 2) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު ސަމިޓެއް ބޭއްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޯބެލް ސުލްހައިގެ އިނާމު ލިބެން ޖެހޭ ވަރުގެ ކަމެއް ކަމަށް ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ވިދާޅުވެއްޖެ އެވެ.

މޫން ހުކުރު ދުވަހު ވަނީ ކިމްއާ އެކު ތާރީޚީ ސަމިޓެއް ބާއްވައިފަ އެވެ. ޒަމާންވީ ހަތުރުވެރި ދެ ގައުމުގެ ވެރިންގެ އެ ބައްދަލުވުމަށް ވަރަށް ބޮޑަށް ވަނީ ތައުރީފް ލިބިފަ އެވެ. މިއީ ދެ ކޮރެއާގެ ވެރިން މިހާތަނަށް ބޭއްވި ތިން ވަނަ ސަމިޓެވެ. މީގެ ކުރީ ދެ ފަހަރު ކިމްގެ ބައްޕާފުޅު ކިމް ޖޮން-އިލް ބައްދަލު ކުރައްވާފައި ވަނީ ސައުތު ކޮރެއާގެ ކުރީގެ ރައީސުން ކަމަށްވާ ކިމް ޑައެ-ޖުން (2000 ވަނަ އަހަރު) އަދި ރޯމޫ-ހިޔުން (2007 ވަނަ އަހަރު) އެވެ. ކިމް ޑައެ-ޖުން އަށް 2000 ވަނަ އަހަރު ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިފަ އެވެ. ކިމް ޑައެ-ޖުންގެ ހުވަފަތް އަނބިކަނބަލުން ފޮނުއްވި މަރުހަބާގެ މެސެޖެއްގައި ވަނީ މޫން އަށް ވެސް ނޯބެލް ސުލްހައިގެ އިނާމު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ރައީސް ޓްރަމްޕަށް ސުލްހައިގެ އިނާމު ލިބެން ޖެހޭ. އަހަރެމެން އެންމެން ވެސް ބޭނުން ވަނީ ސުލްހަ،" ރައްދުގައި މޫން ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ.

މި އަހަރުގެ ނޯބެލް އިނާމު ލިބޭ ފަރާތްތައް އިއުލާން ކުރާނީ އޮކްޓޯބަރު މަހު އެވެ. ނޯބެލް ސުލްހައިގެ އިނާމު މި އަހަރު ލިބޭނެ ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައި ޓްރަމްޕް، ކިމް އަދި މޫން ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.