ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޝަރުތުތައް ލުއިކޮށްފި
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޝަރުތުތައް ލުއިކޮށްފި

ދިިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި، ގޯއްޗަށް އެދޭ މީހާގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ލުއިކޮށްފި އެވެ.

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗެއް ލިބޭނީ އުމުރުން 21 އަހަރު ފުރިފައިވާ މީހުންނަށެވެ. އެކަމަކު އެ ގަވާއިދަށް މިދިޔަ ހޯމަ ދުވަހު ގެނައި އިސްލާހުގައި ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅޭ އުމުރު ވަނީ 18 އަހަރަށް ދަށްކޮށްފަ އެވެ.

އެ ގަވާއިދު ކުރިން އޮންނަ ގޮތުން ބަންޑާރަ ގޯތި ދޫކުރުމުގައި، ގޯއްޗަކަށް އެދޭ މީހާ އާއި އެ މީހާގެ ދަރިންނާއި ޝަރުއީ ގޮތުން ބަލަންޖެހޭ މީހުންނަށް ލިބިފައިވާ ބިމުގެ ތަނަވަސް ކަމާއި އެ މީހުންނަށް ކުރިން ލިބިފައިވާ ގޯތިތަކާ މެދު އަމަލު ކޮށްފައިވާ ގޮތްތަކަށް ވެސް ބަލަން ޖެހޭނެ އެވެ.

އެކަމަކު ގަވާއިދަށް މިފަހަރު ގެނައި އިސްލާހުގައިވާ ގޮތުން ބަންޑާރަ ގޯތި ދޫކުރުމުގައި ދެން ބަލާނީ ހަމައެކަނި ގޯއްޗަށް އެދޭ މީހާގެ އެހެން ގޯއްޗެއް އޮތްތޯ އާއި އެ ގޯއްޗަކާ މެދު އަމަލުކޮށްފައިވާ ގޮތަކަށެވެ.

ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވޭތޯ ބަލާނީ އެކަމަށް އޮންނަ ޚާއްސަ ކޮމެޓީއަކުންނެވެ.