ނަދީމަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ފަށައިފި
ނަދީމަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ފަށައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތް މިއަދު ފަށައި ވަކީލަކު އައްޔަން ކުރަން ދެ ދުވަސް ދީފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވަނީ ވެރިކަން ވައްޓާލަން 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަންގަވާ އެންގެވުންތަކަށް ނަދީމް އަމަލު ކުރެއްވި ކަމަށް ދައުވާގައިވެ އެވެ.

މީގެ އިތުރުން، ގާނޫނުއަސާސީން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫ އަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ނަދީމް އަމަލު ކޮށްފައިވާ ކަމަށް ދައުވާގައި ވެ އެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލައި ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި، ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރި ކުރަން ނަދީމް އުޅެފައިވާ ކަމަށް ދައުވާގައިވެ އެވެ.

އިބްތިދާއީ އަޑުއެހުމުގައި ގާޒީ އަހުމަދު ހައިލަމް ވަނީ ދައުވާއާ މެދު ދެކޭ ގޮތް އޮޅުން ފިލުއްވައިފަ އެވެ. ނަދީމް ވިދާޅުވީ މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ގާނޫނީ ވަކީލަކާ އެކު ކަމަށެވެ. އަދި އެ ކަމަށް 10 ދުވަހުގެ މުއްދަތެއް ދެއްވުމަށް ވެސް ނަދީމް އެދިވަޑައިގެންނެވި އެވެ. އެކަމަކު ހައިލަމް ވަނީ ގާނޫނީ ވަކީލު އައްޔަން ކުރުމަށް ދެ ދުވަހުގެ މުއްދަތެއް ނަދީމަށް ދެއްވައިފަ އެވެ.

ނަދީމާ ދެކޮޅަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އަޑުއެހުން މިއަދު ފަށަން އޮތީ ހެނދުނު 10 ޖެހިއިރު އެވެ. އެކަމަކު، އަޑުއެހުން ބޭއްވީ ތިން ގަޑިއިރު ފަހުން، މެންދުރު އެކެއް ޖެހިއިރު އެވެ. އަޑުއެހުން ލަސްވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބައްދަލުވުމެއް ކުރިއަށް ދިއުމުން ކަމަށް ވެ އެވެ.