02 މެއި 2018 - 15:35

ވޮޝިންޓަން (މެއި 2) - ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ނެރުނު މެޑިކަލް ރިޕޯޓް ލިޔުނީ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވި ގޮތަށް ކަމަށް އެމަނިކުފާނުގެ ކުރީގެ ޑޮކްޓަރު ހެރޮލްޑް ބޯންސްޓެއިން ވިދާޅުވެއްޖެ އެވެ.
ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ބޯންސްޓެއިން ވިދާޅުވީ ސިއްހީ ގޮތުން ޓްރަމްޕް ވަރަށް ފިޓް ކަމަށް ބުނެ 2015 ވަނަ އަހަރު ނެރެފައިވާ ރިޕޯޓަކީ އޭނާ ތައްޔާރު ކުރި އެއްޗެއް ނޫން ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ކުރިން ނެރުނު އެ ރިޕޯޓުގައި ވަނީ އެމެރިކާގެ ރައީސް ކަމަށް ވަޑައިގަންނަވާ އެންމެ ފިޓް ބޭފުޅާ އަށް ޓްރަމްޕް ވާނެ ކަމަށް ބުނެފަ އެވެ. ބޯންސްޓެއިން ވިދާޅުވީ ސިޓީ ތައްޔާރުކޮށްފައި ވަނީ ޓްރަމްޕް ވިދާޅުވި ގޮތަށް ކަމަށެވެ.
ރިޕޯޓުގައި ވަނީ ޓްރަމްޕުގެ ލޭގެ ޕްރެޝަރާއި ލެބޯޓްރީ ޓެސްޓްތައް ވެސް ބަރާބަރު ކަމަށް ބުނެފަ އެވެ. އަދި އަހަރެއްގެ ތެރޭ ޓްރަމްޕުގެ ބަރުދަނުން ހަތް ކިލޯ ލުއިވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެއްވެސް ބާވަތެއްގެ ކެންސަރެއް ނެތް ކަމަށާއި އެއްވެސް ހުޅެއްގެ އޮޕަރޭޝަނެއް ކޮށްފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރިޕޯޓް ނެރުމުގެ ހަފުތާތަކެއް ކުރިން ޓްރަމްޕް ވަނީ އެއީ ވަރަށް ފުރިހަމަ ރިޕޯޓަކަށް ވާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.
ބޯންސްޓެއިން މި ތުހުމަތުތައް މިހާރު މި ކުރައްވަނީ ކީއްވެ ކަމެއް ނޭނގެ އެވެ.
ބޯންސްޓެއިން ވިދާޅުވީ ޓްރަމްޕުގެ ބޮޑީގާޑުން ވަނީ ފެބްރުއަރީ 2017 ގައި އޭނާގެ އޮފީހަށް ވަދެ ލިޔެކިޔުންތައް އަތުލާފައި ކަމަށެވެ. އޭގެ ތެރޭގައި ޓްރަމްޕުގެ މެޑިކަލް ޗާޓާއި ލެބް ރިޕޯޓުގެ އޮރިޖިނަލް އަދި ހަމައެނި ކޮޕީ ބޮޑީ ގާޑުން ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވީ އެއީ ލިޔެކިޔުންތައް އަތުލުން ނޫން ކަމަށާއި ޓްރަމްޕުގެ މެޑިކަލް ރިޕޯޓްތައް ހުންނަން ޖެހޭނީ ވައިޓް ހައުސްގެ މެޑިކަލް ޔުނިޓްގައި ކަމަށެވެ.
މި އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕް ވަނީ ތިން ގަޑިއިރުގެ މެޑިކަލް ޓެސްޓްތަކެއް ހަދައިފަ އެވެ. އެ ޓެސްޓްތައް ހެދީ ޓްރަމްޕުގެ ނަފްސާނީ މައްސަލަތަކެއް ހުންނަ ކަމަށް ވާހަކަ ދެކެވުނު ދުވަސްވަރެއްގަ އެވެ. ޓްރަމްޕުގެ ވައިޓް ހައުސް ޑޮކްޓަރު ރޮނީ ޖެކްސަން ވިދާޅުވީ ޓްރަމްޕުގެ ނާރުގެ ނުވަތަ ސިކުނޑީގެ މައްސަލައެއް ނެތް ކަމަށެވެ.