03 މެއި 2018 - 07:27

މީގެ 32 އަހަރު ކުރިން ގޯވިންދާ ބޮލީވުޑަށް ނެރެދިން ޕްރޮޑިއުސަރު ޕެހެލާޖް ނިހަލާނީގެ ފިލްމަކަށް ގޯވިންދާ އަނެއްކާ ވެސް ސޮއިކޮށް، ފިލްމްގެ ޝޫޓިން ނިންމާލައިފި އެވެ.
ގޯވިންދާ ބޮލީވުޑަށް ނުކުތީ ނިހަލާނީ ޕްރޮޑިއުސްކޮށް، ޝިބޫ މިތުރާ ޑައިރެކްޓް ކުރި 1986 ގެ "އިލްޒާމް" އިންނެވެ. އޭގެ ފަހުން ނިހަލާނީ ޕްރޮޑިއުސް ކުރި ޝޯލާ އޯރް ޝަބްނަމް (1992) އަދި އާކޭން (1993) ފަދަ ފިލްމްތައް އޭނާ ކުޅެފައިވެ އެވެ.
ނިހަލާނީ ގޯވިންދާއާ އެކު މި ފަހަރު ގެނެސްދޭ ފިލްމަކީ "ރަންގީލާ ރާޖާ" ކިޔާ ކޮމެޑީއެކެވެ. މި ފިލްމްގައި އޭނާ ފެނިގެން ދާނީ ޑަބަލް ރޯލަކުންނެވެ.
ފިލްމާ ބެހޭ ގޮތުން ނިހަލާނީ ބުނީ "ރަންގީލާ ރާޖާ" ވެގެން ދާނީ ގޯވިންދާގެ ކޮމިކް އެކްޓިން އާއި ވަރުގަދަ ނެށުންތައް ވެސް އަލުން ބެލުންތެރިންނަށް ގެނެސް ދޭނެ ފިލްމަކަށެވެ. އެކަމަކު ފިލްމްގެ ޑައިރެކްޓަރަކީ ކާކުކަމާއި ފިލްމް ރިލީޒް ކުރާނެ ދުވަހެއް ނުބުނެ އެވެ.
"މިއީ މިހާތަނަށް ގޯވިންދާ ކުޅެފައި ނުވާ ކަހަލަ ވަރަށް ތަފާތު ރޯލަކުން ފެނިގެން ދާނެ ފިލްމެއް. އަހަންނަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ފިލްމް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް. ފިލްމްގައި އޭނާގެ ޑަބަލް ރޯލަކުން ފެންނަ އިރު، ތަފާތު ހަތަރު ކެރެކްޓާއެކުން ފެނިގެން ދާނެ،" އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަންގެ މަގާމުން މިދިޔަ އަހަރު ވަކި ކުރި ނިހަލާނީ ބުންޏެވެ. "އަހަރެން ގަބޫލު ކުރަނީ ރަންގީލާ ރާޖާއާ އެކު ގޯވިންދާގެ ފިލްމީ ކެރިއަރު އަނެއްކާ ވެސް އުޖާލާވެގެން ދާނެ ކަމަށް. މިއީ އަނެއްކާ ވެސް އޭނަގެ ކެރިއަރުގެ އާ ބާބެއްގެ ފެށުމަށް ވެގެން ދާނީ."
"ރަންގީލާ ރާޖާ" އިން ގޯވިންދާ އެކު ޒުވާން ތިން ބަތަލާއަކު ތައާރަފު ކުރާނެ އެވެ.
ކުރިން ވަރަށް ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ގޯވިންދާ، 54، އަކަށް މި ފަހަކަށް އައިސް ކުޅޭނެ މާ ރަނގަޅު ފިލްމްތަކެއް ނުލިބެ އެވެ. އޭނާ މިދިޔަ އަހަރު ކުޅުނު "އާގަޔާ ހީރޯ" އަކީ ވެސް ބޮޑު ފްލޮޕެކެވެ. ގޯވިންދާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހު 25 ގައި ރިލީޒް ކުރާ "ފްރައި ޑޭ" އިންނެވެ.