02 މެއި 2018 - 13:41

ތެލް އަވީވް (މެއި 2) - ހަނގުރާމަ އިއުލާން ކުރުމުގެ ބާރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ދިނުމަށް އިޒްރޭލްގެ ޕާލަމެންޓުން ފާސްކޮށްފި އެވެ.
ކުރިން އޮންނަ ގޮތުން ހަނގުރާމަ އިއުލާން ކުރެވޭނީ ކެބިނެޓުގެ ހުރިހާ މެންބަރުންގެ ރުހުމާ އެކު އެވެ. ނަމަވެސް ޕާލަމެންޓުން އެންމެ ފަހުން ފާސްކުރި ބިލުގައިވާ ގޮތުން ދިފާއީ ވަޒީރު ހުއްދަ ދީފި ނަމަ އިޒްރޭލުގެ ބޮޑު ވަޒީރަށް ހަނގުރާމަ އިއުލާން ކުރެވޭނެ އެވެ.
ހަނގުރާމަ އިއުލާން ކުރުމުގެ ބާރު ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އަވިގްދޯ ލީބަމަން އަށް ދިނުމަށް ފާސްކުރީ ޕާލަމެންޓުގެ 62-41 ވޯޓުންނެވެ.
މި ބަދަލު ގެނައުމަށް ޕާލަމެންޓަށް ނަތަންޔާހޫ ހުށަހެޅުއްވީ އީރާނުގެ ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމާ ގުޅޭ ގޮތުން އޭނާ ޕްރެޒެންޓޭޝަނެއް ދެއްވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ.
އިޒްރޭލުގެ ނޫހަކުން ބުނި ގޮތުގައި ނަތަންޔާހޫގެ ހުށަހެޅުމަށް ފޮރިން އެންޑް ޑިފެންސް ކޮމިޓީ އާއި ކޮންސްޓިޓިއުޝަން، ލޯ އެންޑް ޖަސްޓިސް ކޮމިޓީން ވަނީ އެންމެ ފުރަތަމަ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ޕާލަމެންޓުން ބިލް ފާސްކުރީ ދެ ވަނަ އަދި ތިން ވަނަ ކިޔުމަށް ފަހު އެވެ.