03 މެއި 2018 - 07:27

އެކާވީހަކަށް އަހަރު ފަހުން ސަންޖޭ ދަތާ އެކު، މަދޫރީ ޑިކްސިޓް ސްކްރީން ހިއްސާކުރާ ފިލްމް "ކަލަންކް" ގައި ދެ މީހުން ކުޅެނީ ކޮން ކަހަލަ ކެރެކްޓާތަކެއްތޯ ބެލުމުގެ ޝައުގުވެރިކަން މި ފިލްމް އިއުލާން ކުރި ހިސާބުން ފެށިގެން ވެސް އޮތީ އުފެދިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަބިޝެކް ވަރްމަން ޑައިރެކްޓް ކުރާ ފިލްމްގައި މަދޫރީ ކުޅޭނީ ޑާންސް ޓީޗަރެއްގެ ރޯލުންނެވެ. އެކަމަކު ސަންޖޭގެ ރޯލަކީ ކޮބައި ކަމެއް އަދިވެސް ނޭނގެ އެވެ.
މިޑް-ޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި "ކަލަންކް" ގައި މަދޫރީ، އާލިއާ ބަޓާއި ކިއާރާ އަދްވާނީ ނަށަން ދަސްކޮށްދޭ އިރު، ޒުވާން އެ ދެ ބަތަލާއިންނާ އެކު، މަދޫރީގެ ވަރަށް ހާއްސަ ލަވައެއް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.
މަދޫރީއަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ނެށުމަށް އެންމެ އަރާހުރި އެކެކެވެ. އެހެންވެ އޭނާގެ ހުނަރާ މެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ.
ފަނަރަ ކްރޯޑް ރުޕީސްގެ އަގުހުރި ބިޔަ ސިޓެއްގައި "ކަލަންކް" ގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، މަދޫރީ ވަނީ އަނެއްކާ ވެސް ޑާންސް ރިއަލިޓީ ޝޯއެއްގެ ޖަޖަކަށް ވެސް ސޮއިކޮށްފަ އެވެ.
އެއީ ކަލާޒުން ގެނެސްދޭ "ޑާންސް ދީވާނޭ" އެވެ. މަދޫރީ ކުރިން ވަނީ ކަލާޒްގެ "ޖަލަކް ދިކްލާޖާ" ޑާންސް ޝޯގެ ޖަޖްކަން ވެސްކޮށްފަ އެވެ. އަދި އެންޑް ޓީވީގެ "ސޯ ޔޫ ތިންކް ޔޫ ކޭން ޑާންސް" ގެ ޖަޖްކަން ވެސް އޭނާ ކޮށްފައިވެ އެވެ.
މި މަހުގެ 25 ގައި ރިލީޒް ކުރާ މަރާޓީ ފިލްމް "ބަކެޓްލިސްޓް" އިން ފެނިގެންދާ ބަތަލާއަކީ ޑާންސް ވިތު މަދޫރީގެ ނަމުގައި އޮންލައިން ޑާންސް އެކެޑެމީއެއް ވެސް ހިންގާ ބަތަލާއެކެވެ.
އަންނަ އަހަރުގެ އެޕްރީލް 19 ގައި "ކަލަންކް" ރިލީޒް ކުރާ އިރު، މި އަހަރު ޑިސެމްބަރު 7 ގައި "ޓޯޓަލް ދަމާލް" އިން ވެސް މަދޫރީ، 50، ފެނިގެން ދާނެ އެވެ.