ރޮކް ޕްރޮޑިއުސް ކުރާ "ޖެންސަން ޑިރެކްޓިވް" ގެ ލީޑް ރޯލަށް ޖޯން ސީނާ
ރޮކް ޕްރޮޑިއުސް ކުރާ "ޖެންސަން ޑިރެކްޓިވް" ގެ ލީޑް ރޯލަށް ޖޯން ސީނާ

ޑްވޭން (ރޮކް) ޖޯންސަން އާއި ޖޯން ސީނާގެ ވާހަކަ ދައްކާ ނަމަ، އަސްލު ދާން ޖެހެނީ ރެސްލިން ރިންގަށެވެ. އެކަމަކު މިހާރު ހޮލީވުޑްގައި ވެސް މި ތަރިންގެ ނުފޫޒު ކުޑައެއް ނޫނެވެ. ރޮކްގެ މާ ބޮޑު ތައާރަފަކަށް ވެސް ދާކަށް ނުޖެހޭނެ އެވެ. އޭނާއަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ވަރުގަދަ އެކްޓަރެކެވެ.

ރޮކްގެ ފިޔަވަޅު މަތިިން ސީނާ ވެސް ހިނގަމުން އަންނަ އިރު، ރޮކް ޕްރޮޑިއުސްކުރާ ފިލްމެއް ކުޅެން ސީނާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މި ފިލްމަކީ ކުރިން ރޮކް ކުޅެން އޮތް "ޖެންސަން ޑިރެކްޓިވް" އެވެ.

އެކަމަކު އޭނާގެ ޝެޑިއުލް ބިޒީކަމުން، މި ފިލްމްގެ ކެމެރާގެ ކުރިމަތިން ފަހަތަށް ޖެހިލައި، ފިލްމްގެ ޕްރޮޑިއުސަރެއްގެ ޒިންމާ ނަގައި، ރޮކް ވަނީ "ޖެންސަން ޑިރެކްޓިވް" ގެ ލީޑަށް ސީނާ ހަމަޖެއްސިކަން އިސްޓަގްރާމްގައި އިއުލާންކޮށްފަ އެވެ.

މި އެކްޝަން ތުރިލާގެ ކާސްޓަށް އޭނާ ހަމަޖެއްސިޔަސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ރޮކްގެ ސެވަން ބަކްސް ޕްރޮޑަކްޝަނާއި ޔުނިވާސަލް ޕިކްޗާސް އިން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ކާސްޓް ސީނާ ގެނެވުނީތީ ޕްރޮޑަކްޝަން ޓީމް އޮތީ ނިކަން އުފަލުންނެވެ.

ސީނާ، 41، ގެ އެންމެ ފަހުގެ ފިލްމް "ބްލޮކާޒް" ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާރިއެއްކޮށްފައިވާ އިރު، ، "ސިސްޓާޒް" އާއި "ޓްރެއިން ރެކް" ގައި ވެސް އޭނާ ވަނީ މޮޅު އެކްޓިންއެއް ދައްކައިފަ އެވެ.

މިދިޔަ އަހަރު "ފޭޓް އޮފް ދަ ފިއުރިއަސް" އާއި "ބޭވޮޗް" އަދި "ޖުމާންޖީ: ވެލްކަމް ޓް ދަ ޖަންގަލް" އިން ފެނިގެން ދިޔަ ރޮކް އެންމެ ފަހުން ފެނުނީ މިދިޔަ މަހު ރިލީޒް ކުރި "ރެމްޕޭޖް" އިންނެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެން ދާނީ ޖުލައި 13 ގައި ރިލީޒް ކުރާ "ސްކައިކްރެޕާ" އިންނެވެ.