03 މެއި 2018 - 07:26

އަކްޝޭ ކުމާރަށް މިދިޔަ އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމް "ރުސްތުމް" ގައި އޭނާ ބޭނުން ކުރި ނޭވަލް އޮފިސަރުގެ ޔުނިފޯމް ނީލަމެއްގައި ވިއްކައިލަން ނިންމި މައްސަލަ ހޫނުވެއްޖެ އެވެ.
"ރުސްތުމް" އަކީ 2016 ގައި ރިލީޒް ކުރި ފިލްމެކެވެ. މި ފިލްމްގައި ކިޔައިދެނީ ނޭވީ އޮފިސަރެއްގެ އަންބަކު ކައިވެނިން ބޭރުން ހިންގާ ސިއްރު ލޯބީގެ ގުޅުމެއްގެ ތެރެއިން ހިނގާ ގަތުލެއްގެ ސިއްރު ހޯދަން ކުރާ މަސައްކަތެވެ. ޓީނޫ ސުރޭޝް ދެސާއި ޑައިރެކްޓްކޮށްފައިވާ "ރުސްތުމް" ބިނާކޮށްފައި ވަނީ ހަގީގީ ހާދިސާއަކަށެވެ.
ފިލްމްގައި އަކްޝޭ ބޭނުންކުރި ނޭވަލް ޔުނިފޯމް ކޮސްޓިއުމް ނީލަމެއްގައި ވިއްކައިލާކަން އޭނާ ޓްވިޓާގައި އިއުލާން ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ޓްވީޓްގައި އަކްޝޭ ބުނި ގޮތުގައި ކޮސްޓިއުމް ވިއްކައިލަނީ ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކަށް އެހީތެރިވުމުގެ ގޮތުންނެވެ.
އެ ޓްވީޓާ ގުޅިގެން އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ވަނީ ޔުނިފޯމަށް ބިޑް ކުރެވޭ ގޮތާ ބެހޭ މައުލޫމާތު އިސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ނަމަވެސް ނީލަމުގައި ކޮސްޓިއުމް ވިއްކައިލަން އިއުލާން ކުރުމާ އެކު އަކްޝޭ އާއި ޓްވިންކަލް އަށް ބައެއް މީހުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެއް ބަޔަކު ބުނެފައި ވަނީ އިންޑިއާގެ ނޭވީ ރަމްޒުކޮށްދޭ ޔުނިފޯމެއް ނީލަމެއްގައި ވިއްކައިލުމަކީ އޭގައި އެއްވެސް އަގެއް ނެތް ކަން ދައްކުވައިދޭ ކަމެއް ކަމަށާއި އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި މި މައްސަލާގައި ބައެއް މީހުން ވަނީ އަކްޝޭގެ ދެމަފިރިންނަށް ދައުވާކުރާނެ ކަމަށް ބުނެ، ޖިސްމާނީ ގޮތުން ގެއްލުން ދޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
މިކަމާ ބެހޭ ގޮތުން އަކްޝޭ ބުނީ ކޮސްޓިއުމް ނީލަމަށްލީ ވަރަށް ހެޔޮ ނިޔަތެއްގައި ކަމަށާއި އޭގައި އެއްވެސް ގޯހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެ ޔުނިފޯމަކީ ފިލްމެއްގައި ބޭނުން ކުރި "ފޭކް" ޔުނިފޯމަކަށްވާތީ އެއީ މައްސަލައަކަށް ވާންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ބުންޏެވެ.
"ދެން ބަޔަކަށް މިކަން ގޯސްވެގެން އުޅުނަސް އަހަރެން އެކަމަކާ ކުރާނެ ކަމެއް ނެތް." އަކްޝޭ ބުންޏެވެ.
ޔުނިފޯމަށް އަގު ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 26 އާ ހަމައަށް ހުޅުވާލައިފަ އެވެ.
އަކްޝޭއާ އެކު އިލިއާނާ ޑި ކްރޫޒް ބަތަލާގެ ރޯލް ކުޅުނު "ރުސްތުމް" އަކީ 100 ކްރޯޑް ކުލަބުން ވެސް ޖާގަ ހޯދި އަކްޝޭގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ޖުމްލަ 50 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 216.35 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.