ތޫފާން ދަނީ ރާއްޖެއާ ދުރަށް، ނުރައްކަލެއް ނެތް: މެޓް
ތޫފާން ދަނީ ރާއްޖެއާ ދުރަށް، ނުރައްކަލެއް ނެތް: މެޓް

އައްޑު އަތޮޅުގެ އިރުދެކުނުގައި އުފެދިފައިވާ ތޫފާން ދަނީ ރާއްޖެއާ ދުރަށް ކަމަށާއި އެހެންވެ އޭގެ ސަބަބުން ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އިން މިއަދު ބުނެފި އެވެ.

މެޓްގެ ޑައިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ ތޫފާން "ފްލެމްބޮޔަން" މިހާރު ހުރީ އައްޑޫއާ 3000 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

ނަމަވެސް ތޫފާނުގެ ސަބަބުން ކަނޑުގެ ބާނިތައް ބޮޑުވެފައިވާތީ، އާންމުކޮށް އުދަ އަރާ ރަށްތަކަށް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުދައިގެ އަސަރު ކުރި ނަމަވެސް މާ ބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށް ލަފައެއް ނުކުރެވޭ،" އަހުމަދު ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މެޓުން މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ދުވާލު މޫސުން ރަނގަޅުވާނެ އެވެ. ނަމަވެސް މިރޭ ދެކުނާއި މެދު ރާއްޖެތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެ އެވެ.

ދެކުނާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރާއިރު ވައިޖެހޭނެ ކަމަށް ލަފާކުރަނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނެއްގަ އެވެ. އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. އެ ހިސާބުތަކުގެ ކަނޑުތައްވެސް ކޮންމެވެސް ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

މިދިޔަ ހަފުތާގައި މޫސުން ގޯސްވެ، ފުވައްމުލަކާއި ބައެއް ރަށްތަކަކަށް ވަނީ އުދަ އަރައިފަ އެވެ.