02 މެއި 2018 - 07:30

އޭއެފްސީ ކަޕުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުންނައިރު އޭނާގެ ޓީމަށް ޕްރެޝަރެއް ނެތް ކަމަށާއި އެކަމަކު ފެންވަރު ސާބިތުކޮށްދިނުމަށްޓަކައި އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށް ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ކޯޗު ސައިފުލް ބާރީ ޓީޓޫ ބުނެފި އެވެ.
އަނެއް ބުރަށް ކޮލިފައިވުމަށްޓަކައި އެއް ވަނަ އަށް އެންމެ ބޮޑަށް ވާދަކުރަނީ ނިއު އާއި އިންޑިއާގެ ބެންގަލޫރެވެ. ދެ ޓީމަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ހެޑް-ޓު-ހެޑް އިން ކުރި ހޯދައިގެން މި ވަގުތު އެއް ވަނައިގައި އޮތީ ނިއު އެވެ. ހަތަރު ޕޮއިންޓާ އެކު އަބަހާނީ ތިން ވަނައިގައި އޮތް ނަމަވެސް އެ ޓީމަށް އަދިވެސް ފުރުސަތު އެބޮއޮތެވެ. އެއް ޕޮއިންޓާ އެކު ފުލުގައި އޮތް އިންޑިއާގެ އައިޒޯލް ވަނީ ކަޓައިފަ އެވެ.
"އަހަރެމެންނަށް އެހާ ރަނގަޅަކަށް ނޫން ފެންނަން އޮތީ. ފުރުސަތުތަކެއް ލިބުނު. އެގޮތުން ގްރޫޕުގައި ކުރިއަށް ދިއުމަށް ފުރަތަމަ ދެ މެޗު ވަރަށް މުހިއްމު. އެކަމަކު އެ ދެ މެޗުން ބަލިވީ. ތިން ވަނަ މެޗުން ލިބުނު ތިން ޕޮއިންޓް. އެކަމަކު އަނެއްކާ އެންމެ ފަހު މެޗުން ޕޮއިންޓެއް ލިބުނީ. އެހެންވީމާ މިހާރު މިއޮތީ އުނދަގޫ ހާލަތެއްގައި. އެކަމަކު ނިއު ރޭޑިއަންޓަށް އެއޮތީ ރަނގަޅު ހާލަތެއް. އެ ޓީމަކީ މި ގްރޫޕުގެ އެންމެ ވަރުގަދަ އެއް ޓީމު. އަނެއްކާ އަމިއްލަ ދަނޑުގައި ވަރަށް ތަފާތު،" ބާރީ ބުންޏެވެ.
އޭނާ ބުނީ ނިއުގެ އެންމެ ބޮޑު ތަފާތަކީ މެޗު ކޮންޓްރޯލްކޮށްލެވޭ ކުޅުންތެރިންތަކެއް ތިބުމާއި ހަމަ ކުއްލިއަކަށް ވެސް ގޯލް ޖެހޭ ފެންވަރުގެ ހުނަރުވެރިންތަކެއް ތިބުން ކަމަށެވެ.
"ފާސިރު، އަޝްފާގް، ސްޕެނިޝް ކުޅުންތެރިޔާ ކަންޑޭލާ. މި ކުޅުންތެރިންނަކީ މެޗުގެ ޓެމްޕޯ ކޮންޓްރޯކްކޮށްލާ ކުޅުންތެރިންތަކެއް. އަނެއްކާ ހަމަ ކުއްލިއަކަށް ވެސް ނަތީޖާ ނެރެފާނެ. އަހަރެމެން ދަނޑުގައި ކުޅުނު މެޗު ވެސް ދިޔައީ ހަމަހަމަކޮށް. އެކަމަކު ފާސިރުގެ މޮޅު ކުޅުން އެންމެ ހިނދުކޮޅަކަށް ދައްކާލައިގެން ނަތީޖާ އަނބުރާލީ،" ބާރީ ބުންޏެވެ.
ފުރުސަތެއް ނެތް ކަމަށް ގަބޫލުކުރާތީ މެޗު ކުޅޭނީ ޕްރެޝަރެއް ނެތިތޯ އެހުމުން ކޯޗު ބުނީ ކަންވާނީ އެހެން ކަމަށެވެ.
"ތިހެން ބުނެވިދާނެ. އެކަމަކު އެންމެ ފަހު މެޗުގައި އައިޒޯލް އިން އަހަރެމެންނާ ދެކޮޅަށް ކުޅުނީ ޕްރެޝަރެއް ނެތި އެހެންވެ އެއްވެސް ބެލުމެއް ނެތި ކުޅެލި. އަހަރެމެން ވެސް ބޭނުންވޭ އަދި ދެ ވަނަ ބުރަށް ފުރުސަތު ނުދެވުނަސް މި ޓީމަކީ ރަނގަޅު ފެންވަރުގެ ޓީމެއްކަން ސާބިތުކޮށްދޭން،" ބާރީ ބުންޏެވެ.
ބަންގްލަދޭޝްގައި ކުޅުނު މެޗުން ނިއު އަށް މޮޅުވެވުނީ އުނދަގުލުނުންނެވެ. އެ މެޗުގައި އަބަހާނީ އަށް ވެސް ފުރުސަތުތަކެއް ލިބުނެވެ. އެ މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު ނިއު ބަލިކުރެވިދާނެތޯ އެހުމުން އޭނާ ބުނީ އެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަހަރެމެންގެ އެންމެ ރަނގަޅު ދުވަހު، ކުޅުންތެރިން އެންމެ މަތީ ފެންވަރުގައި ކުޅެ، ކޮންމެވެސް ވަރަކަށް ނަސީބު ވެސް އެހީވެއްޖެއްޔާ މޮޅުވެވިދާނެ. އެކަމަކު އަލީ އަޝްފާގާއި އަލީ ފާސިރާއި ދެން މެދުތެރެއިން އުމެއިރު ފަދަ ކުޅުންތެރިންނާ އެކު ނިއު އިން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ،" ބާރީ ބުންޏެވެ.