ވާވޭ އިން އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ
ވާވޭ އިން އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ

އީރާނަށް ދަތިކުރުމަށް އެމެރިކާއިން އެޅި ފިޔަވަޅު ދެމެހެއްޓުމުގައި ޗައިނާގެ ޒެޑްޓީއީ ކޯޕޮރޭޝަނުން އެއްބާރުލުމެއް ނުދިނެވެ. އެ ކަމަށް އޮތް އަދަބަކީ ޒެޑްޓީއީގެ އުފެއްދުންތައް އެމެރިކާ އަށް އެތެރެނުކުރެވުމެވެ. އަދި ޒެޑްޓީއީ ސްމާޓްފޯނުތަކުގައި ބޭނުންކުރުމަށް އެމެރިކާ ކުންފުނިތަކުން ބައިތައް އުފައްދައިނުދިނުމެވެ. މި އަދަބު 2025 ލައިގަންނަންދެން ދެމި އޮންނާނެ އެވެ. ދޭހަ އަކީ ޒެޑްޓީއީ އަށް އެންޑްރޮއިޑް ފޯނުތައް އުފައްދަން ދަތި ވުމެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ޗައިނާގެ ވާވޭ ވެސް އެބަ ތަހުގީގުކުރެ އެވެ. އީރާނާ އެކު ވިޔަފާރިކުރިތޯ ބެލުމަށެވެ. ސާބިތުވެއްޖެ ނަމަ އެންމެ އެކަށީގެން ވަނީ ޒެޑްޓީއީ އަށް ދިން ކަހަލަ އަދަބެއް ދިނުމެވެ. އެމެރިކާގައި ވާވޭ ސްމާޓްފޯނުތައް ވިއްކައިދޭނެ އޮޕަރޭޓަރަކު ވެސް ވަނީ ނުލިބިފަ އެވެ.

ޗައިނާގެ ސްމާޓްފޯން ކުންފުނިތަކަށް އެމެރިކާ ދޭ އަދަބަކަށް ޗައިނާ މީހުން ދޭ ޖަވާބަކީ، އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. ސްމާޓްފޯނުތައް ހިންގުމަށްޓަކައި އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެދުމުގައި ވާވޭ އަވަދިނެތި އުޅޭ ވާހަކަ ޗައިނާ މީހުން އެބަ ދައްކަ އެވެ.

ވާވޭ ސްމާޓްފޯނުތަކަށް ޗިޕް އުފައްދަނީ އެ ކުންފުނިން، އަމިއްލަ އަށެވެ. އެމެރިކާ ކުންފުނިތަކަށް ބަރޯސާކުރާކަށް ނުޖެހެ އެވެ. ވާވޭ އަކީ އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެއްދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެނގޭ ކުންފުންޏެކެވެ. އެ ހުނަރު ވާވޭ އަށް ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ވެސް ބުނެވެ އެވެ.

ޒެޑްޓީއީ ފަދައިން ވާވޭ ފޯނުތަކުގައި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންނުކުރެވުން ވާނީ ހަމަ އެކަނި ވާވޭ އަށް ލިބޭ ގެއްލުމަކަށް ނޫނެވެ. އެއީ މާލީ ގޮތުން ގޫގުލް އަށް ވެސް ލިބޭ ބޮޑު ގެއްލުމަށް ވާނެ އެވެ. ވާވޭއިން ގޫގުލް އަށް ލައިސަންސް ފީ ދައްކާކަށް ނުޖެހޭނެ އެވެ.

އެމެރިކާއިން ވާވޭ އަށް ޖެއްސުންކޮށްފި ނަމަ ބޭނުންކުރުމަށް "ބެކްއަޕް" އޮޕަރޭޓިން ސިސްޓަނެއް އުފެއްދުމަށް ކުންފުނި ތެރޭގައި ވަނީ މަޝްވަރާކުރެވިފަ އެވެ. އެކަމަކު ވެސް ގޫގުލްއާ އެކު ވެފައިވާ އެއްބަވުމެއްގެ ސަބަބުން، މެދުނުކެނޑި އެންޑްރޮއިޑް ބޭނުންކުރެވޭނެ ކަމަށް ވެސް ވާވޭ ބުނެ އެވެ. ވާވޭގެ ބަހަކީ ކޮންމެ ގޮތަކަށް އަދަބެއް ކަނޑައެޅި ނަމަވެސް ކުންފުނި ކޮޅަށް ހުންނާނެ ކަމެވެ.