ފައިނަލުގެ ފަހު ޖާގަ މޯލްޑިވިއަން އަށް
ފައިނަލުގެ ފަހު ޖާގަ މޯލްޑިވިއަން އަށް

ސަލްސާ ވީއޭއެމް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ހޯދައިފި އެވެ.

ލީގު ބުރުގެ ދެ ވަނަ ހޯދި މޯލްޑިވިއަން ފައިނަލަށް ދިޔައީ ލީގު ބުރުގެ ތިން ވަނަ ހޯދި ކްލަބް ތްރީ ސްޓާއާ ދެކޮޅަށް ރޭ ކުޅުނު ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. މޯލްޑިވިއަން މި މެޗު ކާމިޔާބުކުރީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ކާމިޔާބުކުރީ 25-13، 25-10 އަދި 25-12 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޯލްޑިވިއަންގެ އައިޝަތު މާޖިދާ އެވެ.

މުބާރާތުގެ ފައިނަލުގައި މާދަމާރޭ މޯލްޑިވިއަން ނުކުންނާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ. އެ ޓީމު ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި، ސެމީ ފައިނަލް ނުކުޅެ އެވެ. ޕޮލިހުން ވަނީ ލީގު ބުރުގައި މޯލްޑިވިއަން އަތުން މޮޅުވެފަ އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވިއަން އެވެ. އެ ޓީމަކީ، ގައުމީ އެއާލައިން ކުންފުނި އައިލެންޑް އޭވިއޭޝަނަށް ނިސްބަތްވާ ޓީމެކެވެ.