01 މެއި 2018 - 18:32

އައްޑު އަތޮޅުގެ އިރުދެކުނުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ދެކުނުގެ ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އިން އިލްތިމާސްކޮށްފި އެވެ.
މެޓުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އައްޑޫގެ 3000 ކިލޯ މީޓަރު ދުރުގައި އުފެދިފައިވާ ތޫފާން "ފްލެމްބޮޔަން"ގެ ސަބަބުން އެ ސަރަހައްދުގައި ބާނި ބޮޑުވެ ކުރިޔަށް އޮތް 24ގަޑިއިރުގެ ތެރޭގައި އޭގެ އަސަރުކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ދެކުނަށް ދިޔަވަރު ބޮޑުވާނެ ކަމަށް މެޓުން ލަފާކުރަނީ މިރޭ ދަންވަރު 2:37ގަ އާއި މެންދުރުފަހު 3:11ގަ އެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 3:03 ގަ އާއި މެންދުރުފަހު 3:40ގަ އެވެ.
މިދިޔަ ހަފުތާގައި ވެސް މޫސުމް ގޯސްވެ، ފުވައްމުލަކަށް ވަރަށް ބޮޑަށް އުދަ އަރާފައިވެ އެވެ. އަދި އެނޫން ބައެއް ރަށްތަކަށް ވެސް އުދައިގެ އަސަރުކޮށްފައިވެ އެވެ.