01 މެއި 2018 - 15:59

ސޯލް (މެއި 1) - ދެ ކޮރެއާ ގުޅޭ ބޯޑަރުގައި ޕްރޮޕަގެންޑާ ފަތުރަން ހަރުކޮށްފައި ހުރި ސްޕީކަރުތައް ސައުތު ކޮރެއާ އިން މިއަދު ނަގައިފި އެވެ.
ދެ ގައުމުން ވެސް ވަނީ ބޯޑަރުގައި ސްޕީކަރު ހަރުކޮށް ވޭތުވެދިޔަ ދުވަސްތަކުގައި ޕްރޮޕަގެންޑާ ފަތުރައިފަ އެވެ. ސައުތު ކޮރެއާ އިން ބުނީ ބޯޑަރުގައި ހުރި ސްޕީކަރުތައް ނޯތު ކޮރެއާ އިން ވެސް ނަގާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ސްޕީކަރުތައް މި ނަގަނީ ދެ ގައުމުގެ ވެރިން ހުކުރު ދުވަހު ބޭއްވި ސަމިޓަށް ފަހު ގުޅުން ރަނގަޅު ކުރުމުގެ ރަމްޒެއްގެ ގޮތުންނެވެ.
ބޯޑަރުގައި ސައުތު ކޮރެއާ އިން ފުރަތަމަ ސްޕީކަރު ހަރުކުރީ 1960 ގެ އަހަރުތަކުގަ އެވެ. އެ ސްޕީކަރުތައް މެދުވެރިކޮށް ދިޔައީ ކޮރެއާގެ ޕޮޕް މިއުޒިކާއި ޚަބަރުތައް އަދި ޕްރޮޕަގެންދާ ފަތުރަމުންނެވެ. ބޮޑަށް ޓާގެޓްކޮށްފައި ވަނީ ސިފައިންނަށެވެ. ބޭނުމަކީ ނޯތު ކޮރެއާގެ ލީޑަރުންނާ މެދު ސިފައިންގެ ހިތުގައި ނަފުރަތު އުފެއްދުމެވެ.
ހުކުރު ދުވަހުގެ ސަމިޓުގެ ކުރިން ދެ ގައުމުން ވެސް ވަނީ ސްޕީކަރުތައް ނިއްވާލައިފަ އެވެ.
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން އެއްބަސްވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި ދެ ގައުމުން ވެސް އަދާވާތްތެރިކަމުގެ އަމަލުތައް ހުއްޓާލުން ހިމެނެ އެވެ.