ލަންކާގެ އާ ކެބިނެޓް ހުވާކޮށްފި
ލަންކާގެ އާ ކެބިނެޓް ހުވާކޮށްފި

ކޮލަމްބޯ (މެއި 1) - ސްރީ ލަންކާގެ އެއްބައިވަންތަކަމުގެ ސަރުކާރުގެ އާ ކެބިނެޓް މިއަދު ހުވާކޮށްފި އެވެ.

ލަންކާ ސަރުކާރުގެ ތެރޭގައި އުފެދުނު މައްސަލަގަނޑަށް ފަހު އެކުލަވާލި ކެބިނެޓުގައި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީގެ ކުރީގެ މިނިސްޓަރުންނަށް މި ފަހަރު ވެސް ވަނީ ފުރުސަތު ދީފަ އެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާގެ އެސްއެލްއެފްޕީގެ މިނިސްޓަރުންގެ ތެރޭން ރަނިލްގެ އިތުރު ބާރު ނެތްކަމުގެ މައްސަލާގައި ދެކޮޅަށް ވޯޓު ދިން މިނިސްޓަރުން ފިޔަވައި އެހެން މިނިސްޓަރުން ވެސް މިއަދު ވަނީ ހުވާކޮށްފަ އެވެ. މީގެ އިތުރުން ވަނީ ކެބިނެޓަށް އާ ބޭފުޅުން ވެސް އިތުރުކޮށްފަ އެވެ.

ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ކުރިން ހިމެނުނު 47 މިނިސްޓަރުންގެ ބަދަލުގައި ކެބިނެޓް މިހާރު ވަނީ 42 އަށް ކުޑަކޮށްފައި ކަމަށެވެ.

ހަފުތާއަކު އެއް ފަހަރު ބާއްވާ ކެބިނެޓުގެ ބައްދަލުވުންތައް މިހާރު ވަނީ ކޮންމެ ބުދަ ދުވަހަކު ބާއްވާ ގޮތަށް ހަމަޖައްސައިފަ އެވެ.

މިއީ ލަންކާގެ ކެބިނެޓަށް ބަދަލު ގެނައި ހަތަރު ވަނަ ފަހަރެވެ. ސްޓޭޓް މިނިސްޓަރުންނާއި ޑިޕިއުޓީ މިނިސްޓަރުން ހުވާ ކުރާނީ މާދަމާ އެވެ.