މަޑެއިރާ އެއާޕޯޓްގެ ނަން ރޮނާލްޑޯގެ ނަމަށް ބަދަލުކޮށްފި
މަޑެއިރާ އެއާޕޯޓްގެ ނަން ރޮނާލްޑޯގެ ނަމަށް ބަދަލުކޮށްފި

މަޑެއިރާ، ޕޯޗުގަލް (ޖުލައި 23) - މި ފަހަރުގެ ޔޫރޯގައި ޕޯޗުގަލް ހޯދި ކާމިޔާބީއާ ގުޅިގެން އެ ގައުމުގެ މަޑެއިރާ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަން "ކްރިސްޓިއާނޯ ރޮނާލްޑޯ އެއާޕޯޓް" އަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

ރޮނާލްޑޯގެ އުފަންވީ މަޑެއިރާގެ ފުންޝާލް އަށެވެ. މަޑެއިރާގެ އެއާޕޯޓްގެ ނަން ރޮނާލްޑޯގެ ނަމަށް ބަދަލުކުރަން ނިންމާފައިވާކަން އިއްޔެ މަޑެއިރާގެ ރައީސް މިގުއެލް އަލްބަކާކޭ ވަނީ އިއުލާން ކުރައްވައިފަ އެވެ. އަލްބަކާކޭ ވިދާޅުވީ ޕޯޗުގަލް ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިއާގެ ކާމިޔާބީ އަބަދަށް ފާހަގަކުރަން ޖެހޭނެ ކަމަށެވެ.

ފްރާންސް އަތުން 1-0 އިން މޮޅުވެ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ޕޯޗުގަލް ހޯދި މެޗުގެ ކުރީކޮޅު ރޮނާލްޑޯގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ބާލައިފަ އެވެ. ފްރާންސުގެ ޑިމިޓްރީ ޕަޔެޓުގެ ހަމަލާއަކުން، ފަޔަށް ލިބުނު އަނިޔާ އިން ސަލާމަތްވެގެން އޭނަ އަށް ކުޅެން ނުކުމެވޭނީ އާ ސީޒަން ފަށާތާ ދެ ހަފުތާ ފަހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރޮނާލްޑޯ މި ވަގުތު އަންނަނީ އާއިލާއާ އެކު ސްޕެއިނުގެ އިބިޒާގައި ޗުއްޓީ ހޭދަކުރަމުންނެވެ. ރެއާލް މެޑްރިޑާ އެކު، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރޮނާލްޑޯ އަކީ މި ފަހަރުގެ ބެލޮންޑިއޯ އެވޯޑަށް ވެސް އެންމެ ބޮޑަށް ވާދަކުރާނެ އެއް ކުޅުންތެރިޔާ އެވެ.