ބައްޕައެއްގެ ރޯލެއް ނުކުޅޭނަން، އެއަށް ވުރެ އަހަރެން އަގު ބޮޑު: ރިޝީ ކަޕޫރް
ބައްޕައެއްގެ ރޯލެއް ނުކުޅޭނަން، އެއަށް ވުރެ އަހަރެން އަގު ބޮޑު: ރިޝީ ކަޕޫރް

ފިލްމްތަކުގައި ބަތަލާއިންނާއި ބަތަލުންގެ ބައްޕައެއްގެ ރޯލް ކުޅެން ޝައުގުވެރިކަމެއް ނެތް ކަމަށާއި އެކަހަލަ ރޯލްތައް ކުޅޭ ވަރަށް ވުރެ އަދިވެސް އޭނާ އަގު ބޮޑު ކަމަށް ރިޝީ ކަޕޫރް ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމް "102 ނޮޓް އައުޓް" ގައި އަމީތާބް ބައްޗަންގެ ދަރިއެއްގެ ރޯލް ކުޅުނު އެކްޓަރު ބުނީ އޭނާ އަށް މިހާރު އުމުރުން 65 ކަމަށާއި ބޭނުން ވަނީ މާނަ ހުރި ކެރެކްޓާ ރޯލްތައް ކުޅެން ކަމަށެވެ.

އުމޭޝް ޝުކްލާ ޑައިރެކްޓްކޮށްފައިވާ "102 ނޮޓް އައުޓް" ގައި ރިޝީއަކީ 75 އަހަރުވެފައިވާ، އަމީތާބްގެ ދަރިއެކެވެ. ރިޝީ ބުނި ގޮތުގައި މި ޒަމާނަކީ ދުވަސްވީ އެކްޓަރުން ވަކި ކަހަލަ ރޯލްތަކެއް ކުޅެން ހާއްސަ ބައެއްގެ ގޮތުގައި ދެކޭ ޒަމާނެއް ނޫނެވެ. އަދި އޭގެ އެންމެ ފުރިހަމަ އެއް މިސާލަކީ އަމީތާބް ކަމަށް ބުންޏެވެ.

"މިހާރު މިއުޅޭ ބަތަލާއިންނާއި ބަތަލުގެ ބައްޕައެއްގެ ރޯލް ފިލްމްތަކުގައި ކުޅޭކަށް އަހަރެންގެ ނެތް އެއްވެސް ޝައުގުވެރި ކަމެއް. އެކަހަލަ ރޯލްތަކެއް ނުވެސް ކުޅޭނަން،" ސަނަމް ރޭ އާއި ކަޕޫރް އެންޑް ސަންސްގައި ކާފައެއްގެ ރޯލް ކުޅުނު ރިޝީ ބުންޏެވެ.

ޒުވާން އުމުރުގައި ވަރަށް ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެފައިވާ ރިޝީ ބުނީ ކުޅެން ބޭނުން ވަނީ ފިލްމްތަކުން ބޮޑެތި ރޯލްތައް ލިބޭ، ކެރެކްޓާ ރޯލްތައް ކަމަށެވެ. ރިޝީ މި ފަހުން ކުޅުނު ފިލްމްތަކުގެ ތެރެއިން 2012 ގައި ރިލީޒް ކުރި "އަގްނީޕަތު" ގައި ކުޅެފައިވާ ނުބައިބައި ރޯލާއި "ސްޓޫޑަންޓް އޮފް ދި އިޔާ" ގައި ކުޅެފައިވާ ރަނޑު ޑީންގެ ރޯލަކީ ބެލުންތެރިން ވަރަށް ގަޔާވި ރޯލްތަކެވެ.

"އަހަންނަށް ހީވަނީ އަހަރެމެން އުމުރަށް ގޮސްފައި ތިބި އެކްޓަރުން ސިނަމާ އިން ގެއްލިފައި ވަނީ ވެސް ކުޅޭނެ ރަނގަޅު ރޯލްތަކެއް ނުލިބޭތީހެން،" ރިޝީ ބުންޏެވެ. "އަހަންނަކީ ކޮންމެ ކޮންމެ ކަހަލަ ރޯލަކަށް އެއްބަސް ވާނެ މީހެއް ނޫން. ކުޅެން ލިބޭ ރޯލަކީ ސްކްރީން ޓައިމް ބޮޑު ރޯލަކަށް ވާން ޖެހޭނެ."

އަންނަ މަހު ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރާ ނަންދިތާ ދާސްގެ ފިލްމް "މަންޓޯ" ގެ އެންމެ މަންޒަރަކު ރިޝީ ފެންނާނެ އެވެ. އެ ފިލްމްގެ އެކްޓަރަކީ ނަވާޒުއްދީން ސިއްދީގީ އެވެ.

"އެ ފިލްމްގެ އެންމެ މަންޒަރެއް ކުޅެން އެއްބަސްވީ ނަންދިތާގެ މަސައްކަތްތައް އަހަންނަށް ވަރަށް ކަމުދިއުމާއި އޭނާ އަށް އޮތް އިހުތިރާމެއްގެ ބޮޑުކަމުން،" ރިޝީ ބުންޏެވެ.

ރިޝީގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "މުލްކް" ވެސް ހިމެނެ އެވެ.