23 ޖުލައި 2016 - 07:01

ލަންޑަން (ޖުލައި 23) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް، ހުސްވެފައިވާ އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗުކަން ހުށަހަޅައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާގޮތުން އާޖެންޓީނާގެ ކޯޗުކަން ޕޮޗެޓީނޯ އަށް ހުށަހެޅީ އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އާއި ސެވިއްޔާގެ ކޯޗު ޖޯޖް ސަމްޕައޮލީ އެ ފުރުސަތުގެ ބޭނުން ނުހިފުމުންނެވެ.
މިިދިޔަ ސީޒަނުގެ ކާމިޔާބީއާ އެކު ޕޮޗެޓީނޯ ވަނީ ޓޮޓެންހަމްއާ އެކު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ ނިޔަލަށް އާ ކޮށްފަ އެވެ. ޕޮޗެޓީނޯ ހޯދުމަށް ޕީއެސްޖީން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.
އާޖެންޓީނާ ގައުމީ ޓީމަށް ކުރިން ކުޅުނު ޕޮޗެޓީނޯ ވަނީ މީގެ ކުރިން ސްޕެއިނުގެ އެސްޕަންޔޯލާއި އިންގްލެންޑުގެ ސައުތެމްޓަނަށް ކޯޗުކޮށްދީފަ އެވެ.
މިފަހަރުގެ ކޮޕަ އެމެރިކާ ފައިނަލުން ބަލިވުމުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމުން ރިޓަޔަކޮށްފަ އެވެ. އެ ޓީމުގެ ކުރީގެ ކޯޗު ޖެރާޑޯ މާޓީނޯ މަގާމުން އިސްތިއުފާ ދިނީ ކޮޕަ އެމެރިކާ ފައިނަލް ނިމުނުތާ އެއް ހަފްތާ ފަހުންނެވެ. މެސީ އާއި މާޓީނޯ ޓީމުން ވަކިވުމުން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އާޖެންޓީނާ އެފްއޭގެ ރައީސް އަރްމާންޑޯ ޕެރޭޒް ވަނީ އެ ގައުމުގެ ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތަކަށް ވަރަށް އަވަހަށް ހައްލެއް ހޯދާނެ ކަމަށް ވިދާޅުވެފަ އެވެ.