ހައްޔަރުކޮށްފައި ތިބި ސިޔާސީ ފަރާތްތަކުގެ އަނބީންނާ ނަސްރީނާ ބައްދަލުކުރައްވައިފި
ހައްޔަރުކޮށްފައި ތިބި ސިޔާސީ ފަރާތްތަކުގެ އަނބީންނާ ނަސްރީނާ ބައްދަލުކުރައްވައިފި

އެކިއެކި ތުހުމަތުގައި ޖަލުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތަކުގެ އަނބީންނާ ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމް ބައްދަލުކުރައްވައިފި އެވެ.

ޖަލުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތަކުގެ އަނބީންނާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ ރޭ ޝީ ބިލްޑިންގައި ބައްދަލުކުރެއްވިއިރު ސުޕްރީމް ކޯޓުން ފެބްރުއަރީ1ގައި ނެރުނު އަމުރަށްފަހު ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި އެ ކަމަނާގެ ފިރިކަލުން ވެސް ހުރީ ޖަލުގައި ހައްޔަރުކޮށްފަ އެވެ.

ރޭގެ ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އާއި ކުރީގެ ޕީޖީ މުހްތާޒު މުހްސިން އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އަނބިކަނބަލުންނާއި ނަސްރީނާގެ ދަރިކަނބަލުން ޔުމްނާ މައުމޫން ބައިވެރިވެ ވަޑައިގަތެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތިން އަންހެން ދަރިކަނބަލަކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މީޑިއާއަށް ދައުވަތު ނުދީ ބޭއްވި އެ ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ނަސްރީނާ ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ހިތްވަރު ދެއްވާފައި ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަރާތްތަކުން ކުރި ޓުވީޓުތަކުގައި ވަނީ ނަސްރީނާ ބައްދަލުކުރެއްވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންފި ކަމަށެވެ. އަދި އެ ކަމަނާއަށް ވަރަށް ބޮޑަށް ތައުރީފް ވެސ ކުރައްވާފައި ވެއެވެ. އަދި ކިތަންމެ ހިތްދަތިކަންތައްތަކެއް ކުރިމަތިވެފައިވީ ނަމަވެސް ނަސްރީނާގެ ފަރާތުން ފެނުނީ ހިތްވަރުގަދަ ކަމާއި ކެތްތެރިކަން ކަމަށް ވެސް އެ ޓުވީޓުތަކުގައި ވިދާޅުވެފައިވެ އެވެ.