01 މެއި 2018 - 11:10

ދޫނިދޫ ޖަލުގައި ފުލުހުން ބަންދުކޮށްފައި ހުއްޓާ އަތަށް ލިބުނު ކަމަށް ބުނާ ގެއްލުމަށް ފަރުވާ ހޯދަން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ އެމްއާރުއައިއެއް ހަދަން އިއްޔެ އާއި މިއަދު ވެސް އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.
ފާރިސްގެ އަތަށް އަނިޔާ ލިބިފައިވަނީ މިދިޔަ މާޗްމަހުގެ މެދުތެރޭގައި ތަހުގީގުގައި ސުވާލު ކުރުމަށް ގަދަކަމުން ގޮޅިން ނެރުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓިގެން ކަމަށް އޭނާގެ އާއިލާ އާއި ވަކީލުން ކުރިން ބުނެފައިވެ އެވެ. އަދި އޭގެ ސަބަބުން އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ވެސް ބުނެފައިވެ އެވެ.
ފާރިސްގެ އަރިސް ބޭފުޅަކު މިއަދު ވިދާޅުވީ އަތަށް ލިބުނު ގެއްލުމާ ގުޅިގެން އިއްޔެ ހެނދުނު ވެސް އައިޖީއެމްއެޗަށް ގެންގޮސް އެމްއާރުއައިއެއް ހެދި ކަމަށެވެ. އަދި މިއަދު ވެސް އެ އެމްއާރުއައި ހެދުމަށްފަހު އެނބުރި ޖަލަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަތަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދަނީ. އިތުރު ސީރިއަސް ކަމެއް އުޅޭކަމެއް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
މެމްބަރު ފާރިސްގެ އަތަށް އަނިޔާ ލިބުނު ފަހުން ވެސް ކޯޓުގައި ހިނގާ ޝަރީއަތުގެ މަޖިލިސްތަކަށް ހާޒިރުކުރެ އެވެ. އެގޮތުން ފާރިސްގެ މައްޗަށް ފެބްރުއަރީ 1ގެ ހުކުމަށްފަހު ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތާއި ޝަހުސު އޮޅުވާލުމުގެ ދައުވާ ދައުވާކުރެ އެވެ. އޭގެ ބައެއް މައްސަލަތަކުގެ ޝަރީއަތް މިހާރު ވަނީ ނިމެން ކައިރިވެފަ އެވެ.