ވަޓްސްއެޕްގެ ސީއީއޯ ޖެން ކޫމް އިސްތިއުފާ ދީފި
ވަޓްސްއެޕްގެ ސީއީއޯ ޖެން ކޫމް އިސްތިއުފާ ދީފި

މަޝްހޫރު ސޯޝަލް އެޕް ވަޓްސްއެޕްގެ ސީއީއޯ ޖެން ކޫމް އިސްތިއުފާ ދީފީ އެވެ.

މާކް ޒުކަބާގްގެ ފޭސްބުކްގެ ބެލެނިވެރިކަމުގެ ދަށުން 2014 އިން ފެށިގެން ހިންގަމުން އަންނަ ވަޓްސްއެޕްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދިންކަން ޖެން ވަނީ ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ކަށަވަރުކޮށް ދީފަ އެވެ. ނަމަވެސް އިސްތިއުފާ ދިން ސަބަބެއް ހާމައެއް ނުރެ އެވެ.

އެކަމަކު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޖެން އިސްތިއުފާ ދިނީ ދާދި ފަހުން ފޭސްބުކަށް ދިމާވި މައްސަލަތަކާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހެދި އެވެ. އަދި އޭނާ ވަނީ ފޭސްބުކްގެ ޑިރެކްޓަރުންގެ ބޯޑުން ވެސް ވަކިވާން އެދި ހުށަހަޅާފައި ކަމަށް ވޮޝިންޓަން ޕޯސްޓުން ބުންޏެވެ.

ޖޭންގެ އިސްތިއުފާއާ ގުޅިގެން ފޭސްބުކުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ދައްކާފައި ނުވާ އިރު، ވަޓްސްއެޕުގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދިންކަން އިއުލާންކޮށް ޖެން ލިޔުނު ސްޓޭޓަސް އަށް ފޭސްބުލްގެ ވެރިޔާ ޒުކަބާގް ކުރި ކޮމެންޓެއްގައި ވަނީ އޭނާ "މިސްވާނެ" ކަމަށް ބުނެފަ އެވެ. އަދި ގުޅިގެން ކުރެވުނު މަސައްކަތަށްޓަކައި ޖެން އަށް ހިތުގެ އަޑިން ޝުކުރު އަދާ ކަމަށާއި އޭނާކޮށް ދިން މަސައްކަތުގެ އަގު އަބަދު ވެސް ވަޒަން ކުރާނެ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2009 ގައި ވުޖޫދަށް އައި ވަޓްސްއެޕް ބޭނުން ކުރާ މީހުންގެ އަދަދު މިހާރު 1.5 ބިލިއަނަށް ވުރެ ގިނަ އެވެ.

ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ ފޭސްބުކްގެ އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ ފެންމަތިވެ، އެތައް ބައެއްގެ ނުރުހުން އަމާޒުވުމުން ފޭސްބުކުން ވަނީ އެކަމަށް މައާފަށް ވެސް އެދިފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ބައެއް މީހުން ވަނީ ފޭސްބުކަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށް ބުނެ މި ޕްލެޓްފޯމް ދޫވެސްކޮށްލައިފަ އެވެ.