ދެ ކޮރެއާ ގުޅޭ ބޯޑަރުގައި ކިމްގެ ސަމިޓް ބޭއްވިދާނެ: ޓްރަމްޕް
ދެ ކޮރެއާ ގުޅޭ ބޯޑަރުގައި ކިމްގެ ސަމިޓް ބޭއްވިދާނެ: ޓްރަމްޕް

ވޮޝިންޓަން (މެއި 1) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު ބާއްވާ ސަމިޓް ދެ ކޮރެއާ ގުޅޭ ބޯޑަރުގެ ޑިމިލިޓަރައިޒް ޒޯންގައި ބޭއްވި ދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ ތާރީޚީ ސަމިޓް ބާއްވަން ދެ ތިން ތަނެއް ބަލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ނައިޖީރިއާގެ ރައީސް މހައްމަދު ބުހާރީއާ އެކު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ސަމިޓް ބާއްވާނެ އެއްތަނެއްގެ ގޮތުގައި ސިންގަޕޫރު ބަލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޓްރަމްޕުގެ ޓްވީޓެއްގައި ވިދާޅުވީ ތިން ވަނަ ގައުމެއްގައި ސަމިޓް ބޭއްވުމަށް ވުރެ ބޮޑަށް ބަލަނީ ޑިމިލިޓަރައިޒް ޒޯންގައި ބޭއްވޭތޯ ކަމަށެވެ.

ސަމިޓް ބޭއްވިދާނެ ކަމަށް ބެލެވޭ އެހެން ގައުމުތަކުގެ ތެރޭގައި މޮންގޯލިއާ އާއި ސްވިޒަލެންޑް ވެސް ހިމެނެ އެވެ.

ދެ ކޮރެއާގެ ވެރިންގެ ސަމިޓް މިދިޔަ ހުކުރު ދުވަހު ބާއްވާފައި ވަނީ ކޮރެއާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން 1953 ވަނަ އަހަރު ގާއިމްކުރި ޑިމިލިޓަރައިޒް ޒޯންގެ ޕީސް ހައުސްގަ އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންގެ ސަމިޓަށް ފަހު ޓްރަމްޕާ އެކު ކިމް ބާއްވާ ބައްދަލުވުމުގެ ތައްޔާރީތައް ވަނީ ހަލުވި ކުރަން ފަށައިފަ އެވެ. ޓްރަމްޕް މި ހަފުތާގައި ވިދާޅުވެފައި ވަނީ ތިނެއް ނުވަތަ ހަތަރު ހަފުތާ ތެރޭ ކިމްއާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ދެ ގައުމު ގުޅޭ ބޯޑަރުގައި ސަމިޓް ބާއްވައިފި ނަމަ ކިމް އަށް އެތައް ގޮތަކުން ފަސޭހަ ވާނެ އެވެ. އޭނާ އަކީ ގައުމުން ބޭރަށް ދަތުރު ކުރައްވަން އާދަ ބޭފުޅެއް ނޫނެވެ. ވެރިކަން ލިބިވަޑައިގެންނެވި ފަހުން ވަޑައިގެންނެވީ ޗައިނާ އަށް އެކަންޏެވެ. ދާދި ފަހުން އެ ދަތުރު ކުރެއްވީ ވަޒަން ނާރާ ރޭލެއްގަ އެވެ. އޭގެ އިތުރުން ބޯޑަރުގައި ސަމިޓް ބާއްވައިފި ނަމަ މަތިންދާ ބޯޓެއް ކުއްޔަށް ހިފުމުގެ ޚަރަދުން ވެސް ނޯތު ކޮރެއާ ސަލާމަތްވާނެ އެވެ. ސަމިޓް ބާއްވަން ކިޔާ ގައުމުތަކަށް ދަތުރު ކުރެވޭ ވަރުގެ މަތިންދާ ބޯޓެއް އެ ގައުމުގެ ފްލީޓުގައި ނެތް ކަމަށްވެ އެވެ.