ލިވަޕޫލަށް ވައިނަލްޑަމް އާއި މެނިންއާ ސޮއިކޮށްފި
ލިވަޕޫލަށް ވައިނަލްޑަމް އާއި މެނިންއާ ސޮއިކޮށްފި

ލިވަޕޫލް (ޖުލައި 23) - ކުރިން އާސެނަލް އަދި ޔުވެންޓަސް އަށް ކުޅުނު ތަޖުރިބާކާރު ގޯލްކީޕަރު އަލެކްސް މެނިންއާ އާއި ނިއުކާސަލް ޔުނައިޓެޑް މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ލިވަޕޫލަށް ސޮއިކޮށްފި އެވެ.

އުމުރުން 39 އަހަރުގެ މެނިންއާ ސޮއިކުރީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ސޮއިކުރީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޮސްޓްރިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ މެނިންއާ އެންމެ ފަހުން ކުޅުނީ ޖަރުމަނުގެ އޯގްސްބާގަށެވެ.

މެނިންއާ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 11 ކްލަބަށް ކުޅެފަ އެވެ.

ނެދަލެންޑްސް ގައުމީ ޓީމުގެ މިޑްފީލްޑަރު ވައިނަލްޑަމް ލިވަޕޫލަށް ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ހޯދަން ލިވަޕޫލުން ވަނީ ނިއުކާސަލް އަށް 24 މިލިއަން ޕައުންޑް ދީފަ އެވެ.

އުމުރުން 25 އަހަރުގެ ވައިނަލްޑަމް އަކީ މިދިޔަ ސީޒަނުގައި ޕީއެސްވީ އިން ނިއުކާސަލް އަށް ބަދަލުވި ކުޅުންތެރިއެކެވެ. އޭނާ ނިއުކާސަލަށް ބަދަލުވީ ޕީއެސްވީ އަށް ނެދަލެންޑްސްގެ ލީގު ކާމިޔާބު ކޮށްދިނުމަށްފަހު އެވެ. މިދިޔަ ސީޒަނުގައި ނިއުކާސަލް ޕްރިމިއާ ލީގުން ރެލިގޭޓްވިއިރު، އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހީ ވައިނަލްޑަމް އެވެ.

އޭނާ ވަނީ 38 މެޗުން އެ ޓީމަށް 11 ލަނޑު ޖަހައިދީފަ އެވެ. އޭގެ ތެރޭގައި ލިވަޕޫލް ކޮޅަށް ޖެހި ލަނޑު ހިމެނެ އެވެ.

ވައިނަލްޑަމް އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލާ ގުޅުނު ހަތް ވަނަ ކުޅުންތެރިއާ އެވެ. ލިވަޕޫލުން ވަނީ ކީޕަރު ލޮރިސް ކާރިއަސް، އަލެކްސް މެނިންއާ، މާކޯ ގްރުޔިކް، ސަޑިއޯ މާނޭ، ރަގްނާ ކްލާވަން އަދި ޔޮއެލް މަޓިޕް އެ ޓީމަށް ގެނެސްފަ އެވެ.

ލިވަޕޫލުން އަންނަނީ ބެންފީކާ އަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު އެންޑަސަން ޓަލިސްކާ އަށް ފާރަލަމުންނެވެ.