ސިޓީގެ ކާމިޔާބީ ރެކޯޑްތަކުން ފެންނާނެ: ގާޑިއޯލާ
ސިޓީގެ ކާމިޔާބީ ރެކޯޑްތަކުން ފެންނާނެ: ގާޑިއޯލާ

މެންޗެސްޓާ (އޭޕްރީލް 30) - މެންޗެސްޓާ ސިޓީން މި ސީޒަނުގައި ހޯދާ ކާމިޔާބީތައް ރެކޯޑްތަކުން ފެންނަން ހުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީން ވަނީ މި ފަހަރު އިނގިރޭސި ލީގު ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި ބާކީ ފަސް މެޗު އޮއްވައި ސިޓީން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. މި ސީޒަނުގައި މިހާތަނަށް ވެސް ގިނަ ރެކޯޑްތަކެއް ސިޓީން ވަނީ މުގުރާލައިފަ އެވެ.

މިިދިޔަ އާދިއްތަ ދުވަހު ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި ސިޓީން ވަނީ އެއް ސީޒަނެއްގައި އެންމެ ގިނަ މެޗުން މޮޅުވެގެން ޗެލްސީން ހަދާފައި އޮތް ރެކޯޑާ ހަމަކޮށްފަ އެވެ.

އަދި އޭގެ އިތުރުން ޗެލްސީގެ ދެ ރެކޯޑެއް މުގުރާލުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ. އެއީ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިގެންނާއި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ޗެލްސީން ހަދާފައި އޮތް ރެކޯޑެވެ. ޗެލްސީ އަތުގައި ރެކޯޑް އޮތީ އެއް ސީޒަނެއްގައި 103 ލަނޑު ޖަހައިގެންނާއި 95 ޕޮއިންޓް ހަމަކޮށްގެންނެވެ. ސިޓީ އަށް މި ވަގުތު 93 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން ވަނީ 102 ގޯލު ޖަހައިފަ އެވެ. އެ ޓީމަށް ރެކޯޑްތައް މުގުރާލަން ބާކީ ތިން މެޗު އެބައޮތެވެ.

"އަހަރެމެންނަށް ފުރުސަތު އެބައޮތް އިނގިރޭސި ތާރީހުގައި އެންމެ ކާމިޔާބު ޓީމޭ ބުނުމުގެ ޖާގަ ހޯދަން. ސިޓީގެ ކާމިޔާބީތައް ޔަގީނުން ވެސް ރެކޯޑްތަކުން ފެންނާނެ. އަބަދުވެސް ޓާގެޓަށް ވާން ޖެހޭނެ ކަމެއް އޮންނަން ވާނެ. ޕްރިމިއާ ލީގަށް ފަހު އަހަރެމެން ދެން ވިސްނީ ރެކޯޑްތަކަށް،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ސިޓީގައި އޮތީ ޒުވާން ޓީމެއް ކަމަށާއި މުސްތަގުބަލުގައި އިތުރު ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ.

"މި ޓީމުގައި އެބަތިބި އަލަށް ޕްރިމިއާ ލީގު ހޯދާ 20 ކުޅުންތެރިން. މި ކުޅުންތެރިންނަށް މި ވަރުން ނުފުދޭނެ. އިތުރު ކާމިޔާބީ ބޭނުންވާނެ،" ގާޑިއޯލާ ބުންޏެވެ.

ސިޓީއާ ހަވާލުވި ފަހުން ގާޑިއޯލާ ވަނީ ބޮޑެތި އަގުތަށް ދީގެން ކުޅުންތެރިން ގަނެފަ އެވެ. ސިޓީން އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރަން ކިހާވަރެއް ހަރަދުކުރާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޖަވާބުގައި ގާޑިއޯލާ ސަމާސާ ރާގެއްގައި ބުނީ "އެއް ބިލިއަން ޕައުންޑް ހަރަދުކުރެވިދާނެ" ކަމަށެވެ.