ސްރީދޭވީގެ ޑޮކިއުމަންޓްރީ އަށް ތިން ނަމެއް ރަޖިސްޓްރީކޮށްފި
ސްރީދޭވީގެ ޑޮކިއުމަންޓްރީ އަށް ތިން ނަމެއް ރަޖިސްޓްރީކޮށްފި

މިދިޔަ ފެބްރުއަރީ މަހު މަރުވި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ހަޔާތަށް ބިނާކޮށް އޭނާގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރް ހަދާ ޑޮކިއުމަންޓްރީ އަށް ކިޔާނެ ތިން ނަމެއް ރަޖިސްޓްރީކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޯނީ ރަޖިސްޓްރީ ކުރި ތިން ނަމަކީ "ސްރީ"، "ސްރީދޭވީ" އަދި "ސްރީ މޭމް" އެވެ. ޑޮކިއުމަންޓްރީ އަށް ކިޔާނެ ތިން ނަމެއް ރަޖިސްޓްރީ ކުރި ނަމަވެސް، މިއާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ބޯނީ ހާމައެއް ނުކުރެ އެވެ.

އެކަމަކު ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން ސްރީދޭވީގެ ޑޮކިއުމަންޓްރީ ޑައިރެކްޓް ކުރާނީ އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމް ކަމަށްވާ "މިސްޓަ އިންޑިއާ" ގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރެވެ. އޭނާ ޖޫރީ ކޮމިޓީގެ ރައީސަކަށް ހުރެގެން މި އަހަރު އިއުލާން ކުރި ނެޝަނަލް އެވޯޑް ލިބޭ ތަރިންގެ ތެރޭގައި ސްރީދޭވީ އަށް "މޮމް" އިން އެންމެ މޮޅު ބަތަލާނެ ނެޝަނަލް އެވޯޑް ވެސް ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ. "މޮމް" އަކީ މިދިޔަ އަހަރު ރިލީޒް ކުރި ސްރީދޭވީގެ އެންމެ ފަހު ފިލްމެވެ.

ސްރީދޭވީގެ ޑޮކިއުމަންޓްރީގައި އޭނާގެ 50 އަހަރުގެ ފިލްމީ ކެރިއަރުގެ ދިގު ދަތުރާއި އެންމެ ފަހު ވިންދާ ހަމައަށް ކަންތައް ހިނގައި ދިޔަ ގޮތް ކިޔައި ދޭނެ އެވެ. އަދި ޑޮކިއުމަންޓްރީއެއް ގެނެސްދޭން ނިންމި ސަބަބަކީ ސްރީދޭވީގެ ކުއްލި މަރާއި އޭނާގެ ހަޔާތާ ބެހޭ ގޮތުން ދެކެވިފައި ހުރި ބައެއް ވާހަކަތަކުގެ ތެދު ހަގީގަތްތައް ވެސް ހިއްސާ ކުރަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އުމުރުން 54 އަހަރުގައި ދުބާއީގެ ހޮޓަލެއްގެ ބިލިގާ ތެރެއަށް ގެނބިގެން ސްރީދޭވީ މަރުވީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

ފިރިމީހާ ސްރީދޭވީގެ ޑޮކިއުމަންޓްރީ އުފައްދަން ތައްޔާރުވަމުން އަންނަ އިރު، ޑައިރެކްޓަރު ހެންސަލް މެހެތާ ވަނީ ސްރީދޭވީގެ ހަޔާތަށް ބައޮގްރިފަކަލް ޑްރާމާއެއް ގެނެސް ދޭނެކަން އިއުލާންކޮށްފަ އެވެ. އެ ފިލްމްގައި ސްރީދޭވީގެ ރޯލް ކުޅުވަން އޭނާ ބޭނުން ވަނީ ބަތަލާ ވިދިޔާ ބާލަން ލައްވަ އެވެ.