"ކަލަންކް" ގެ ކާސްޓާ ކުނާލް ކޭމޫ ވެސް ގުޅިއްޖެ
"ކަލަންކް" ގެ ކާސްޓާ ކުނާލް ކޭމޫ ވެސް ގުޅިއްޖެ

މިހާރު ޝޫޓް ކުރަމުން އަންނަ ކަރަންގެ ޖޯހަރްގެ ޕީރިއަޑް ޑްރާމާ "ކަލަންކް" ގެ ކާސްޓާ ޒުވާން އެކްޓަރު ކުނާލް ކޭމޫ ވެސް ގުޅިއްޖެ އެވެ.

ކުނާލްއަކީ ސައިފް އަލީ ހާންގެ ކޮއްކޮ އަދި ބަތަލާ ސޯހާ އަލީ ހާންގެ ފިރިމީހާ އެވެ. ވަރަށް ކުޑަ އިރުއްސުރެ ފިލްމް ކުޅެމުން އައި ނަމަވެސް ކުނާލްއަކީ މިހާތަނަށް ބޮލީވުޑްގައި މާ ފާހަގަކޮށްލެވޭ އެކްޓަރެއް ނޫނެވެ.

އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ރިލީޒް ކުރި ބޮޑު ކާސްޓެއް ހިމެނޭ ރޯހިތު ޝެޓީގެ ފިލްމް "ގޯލްމާލް އެގެއިން" އިންނެވެ. ކުނާލް ކުޑައިރު ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ އާމިރް ހާނާއި ކަރިޝްމާ ކަޕޫރް ލީޑް ރޯލް ކުޅުނު ރާޖާ ހިސްދުންތާނީ (1996) އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ކަލަންކް" ގެ ކްރޫއާ ގުޅި، ކުނާލް، 34، މިހާރު ވަނީ ފިލްމްގެ ބައެއް މަންޒަރުތައް ވެސް ޝޫޓްކޮށްފަ އެވެ. އަދި އޭނާގެ އެކްޓިންއާ ދޭތެރޭ ޑައިރެކްޓަރު އަބިޝެކް ވަރްމަން ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށްވެ އެވެ

އަންނަ އެޕްރީލް 19 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ކަލަންކް" ގެ ލީޑް ރޯލުން ފެނިގެން ދަނީ ަންޖޭ ދަތާއި މަދޫރީ ޑިކްސިޓް، ވަރުން ދަވަން އާއި އާލިއާ ބަޓް އަދި ސޮނާކްޝީ ސިންހާ އާއި އަދިތިޔަ ރޯއި ކަޕޫރެވެ.

އަދި ފިލްމްގެ ހާއްސަ ލަވައަކުން މިދިޔަ އަހަރު ރިލީޒް ކުރި އައްބާސް-މަސްތާންގެ "މެޝިން" ގެ ޒުވާން ބަތަލާ ކިއާރާ އަދްވާނީ ވެސް ފެނިގެން ދާނެ އެވެ. ކިއާރާ ވަނީ ކަރަންގެ އެންތޮލޮޖީ ފިލްމް "ލަސް ލަސްޓް ސްޓޯރީ" ގައި ހިމެނޭ ކަރަންގެ ސެގްމަންޓްގެ ބަތަލާގެ ރޯލް ވެސް އަދާކޮށްފަ އެވެ. އެ ފިލްމަކީ ނެޓްފްލިކްސް އިން ގެނެސް ދޭން ހަމަޖެހިފައިވާ ފިލްމެކެވެ.