ވިއެނާ އެއާޕޯޓްގައި އެޕަލް އެއާޕަވާ ޗީ ޗާޖިންޕެޑްތައް، ބޮޑު ފޭކެއް
ވިއެނާ އެއާޕޯޓްގައި އެޕަލް އެއާޕަވާ ޗީ ޗާޖިންޕެޑްތައް، ބޮޑު ފޭކެއް

އޮސްޓްރިއާގެ ވިއެނާ އެއާޕޯޓުން ފެނިގެން އުޅޭ، އެޕަލް އެއާޕަވާ ޗީ ޗާޖިން ޕެޑްތަކަކީ ފޭކެއްކަން ކަށަވަރުވެއްޖެ އެވެ. އެޕަލް އިން އަދި ޗީ ވަޔަލެސް ޗާޖިން ޕެޑްތަކުގެ އަގު ކަނޑައަޅައި އާންމެއް ނުކުރެ އެވެ.

އައިފޯން 8 އަދި އައިފޯން 10 އުފައްދާފައި ވަނީ ވަަލެސްކޮށް ޗާޖުކުރެވޭ ގޮތަށެވެ. މި ފޯނުތަކާ ގުޅޭ ޗީ ޗާޖިން ޕެޑްތައް މި އަހަރު ކޮންމެ ވެސް ހިސާބެއްގައި ތައާރަފުކޮށް، ވިއްކަން ފަށާނެ ކަމަށް އެޕަލް އިން ބުންޏެވެ.

އެޕަލްގެ އުފެއްދުމެއް ސިފަވާ ގޮތަށް ވިއެނާ އެއާޕޯޓުން ދަތުރުވެރިއަށް ޗާޖިން ޕެޑްތަކެއް ފެނުމާ އެކު އޭނާ ވަނީ އެ ޑިވައިސްގެ ފޮޓޯ ޓްވީޓްކޮށްފަ އެވެ. އެއް ޕެޑް މަތީގައި ތިން ޑިވައިސް ޗާޖުކުރެވޭ ގޮތަށް ފެންނަ ފޮޓޯތައް އިންޓަނެޓްގައި މިހާރު ދައުރުވަމުން ދާއިރު، ބަލާބެލުމަށް އެއީ އެޕަލްއާ ގުޅުން ހުރި އުފެއްދުމެވެ. މި ވައްތަރުގެ ޗާޖިން ޕެޑްތަކެއް އީބޭގައި ވެސް ވިއްކަން އެބަ ހުއްޓެވެ. ނަމަވެސް އެ ލިސްޓިންގައި އެއީ އެޕަލްގެ އުފެއްދުމެއް ނޫންކަން ބަޔާންކޮށްފައި ވެ އެވެ.

އެޕަލް އެއާޕަވާ މިންގަޑުތަކަށް ޗީ ޕެޑްތައް އުފެއްދުމުގައި، ތާޑްޕާޓީ ކުންފުނިތަކުން ސަމާލުވާން ޖެހޭ އުސޫލުތައް އެޕަލުން ހިއްސާކުރެ އެވެ. އެ ނޫން ގޮތެއްގައި އުފައްދާ ޕެޑްތަކުން އައިފޯނަށް އަދި އެޕަލް ގަޑި އަށް ބޮޑު ގެއްލުމެއް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އެޕަލްގެ ހުރިހާ އުފެއްދުމަކީ ވެސް އެ ކުންފުނިން ވަރަށް ބަރާބަރަށް މޮނީޓާކޮށް ކޮންޓްރޯލްކުރާ ޑިވައިސްތަކެކެވެ. އައިފޯން، އައިޕެޑް އަދި އައިޕޮޑް ޗާޖުކުރުމަށް ބޭނުންކުރަން ޖެހޭ ލައިޓްނިން ކޭބަލް އުފައްދަން ޖެހެނީ ވެސް އެޕަލުން ދޭ ގަވާއިދަކަށެވެ. ފޭކް ކޭބަލްތަކުން އައިފޯން ޗާޖުކުރުމުން ލިބޭ ގެއްލުމަކަށް އެޕަލް އެއްގޮތަކަށް ވެސް ޒިންމާއެއް ނުވެ އެވެ.